11 Jun 2020, 17:19
މިނިއާޕޮލިސް (ޖޫން 11): އެމެރިކާގެ މިނިސޯޓާގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް މަރާލި މައްސަލާގައި ދައުވާ ލިބޭ އެކަކު އިއްޔެ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
މިނިސޯޓާގެ ހެނެޕިން ކައުންޓީ ޖަލުން އިއްޔެ ދޫކޮށްލާފައި ވަނީ ފްލޯއިޑް މެރުމުގައި އެހީވި ކަމުގެ ދައުވާ ލިބޭ ތިން މީހުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ ތޯމަސް ލޭން އެވެ. އޭނާ ކަފާލާތުގެ ގޮތުގައި ދައްކަން އަންގާފައި އޮތީ 750،000 ޑޮލަރެވެ.
މިދިޔަ މަހުގެ 25ގައި ފްލޯއިޑް މަރުވީ، އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅޭ ކަމަށް ބުނެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ދޮން ނަސްލުގެ ފުލުސް އޮފިސަރެއް ކަމަށްވާ ޑެރެކް ޝޮވިން އޭނާ ހައްޔަރު ކުރަން ގޮސް، އޭނާގެ ކަރަށް ފައި އަރުވައިގެން ހުރުމުންނެވެ. އެ ހާދިސާ ހިނގި ވަގުތު ޝޮވިންއާ އެކު ލޭން އާއި އިތުރު ދެ ފުލުހަކު ތިއްބެވެ.
ލޭންގެ ވަކީލު އާލް ގްރޭ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ އޭނާ ފުލުހުންގެ ވަޒީފާއަށް ނުކުތްތާ އެންމެ ހަތަރު ދުވަސް ފަހުންނެވެ. އަދި ޝޮވިން އަކީ ލޭންގެ ޓްރެއިނިން އޮފިސަރު ކަމުން އޭނާ ބުނާ ގޮތަކަށް ލޭން އަމަލު ކުރަން ޖެހެ އެވެ.
މީގެ އިތުރުން ވަކީލު ގްރޭ ވަނީ ފްލޯއިޑަށް އެހީވާން ލޭން މަސައްކަތް ކުރި ކަމަށްވެސް ވިދާޅުވެފަ އެވެ.
ފްލޯއިޑްގެ މަރުގެ މައްސަލާގައި ޝޮވިންގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާއެއްކޮށްފަ އެވެ. އަދި އޭގެ ތެރެއިން މީހަކު މެރުމުގެ ދެވަނަ ގިންތީގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ގިނަވެގެން 40 އަހަރަށް ޖަލަށް ލެވޭނެ އެވެ.
މިހާރު ޖަލުގައި ހުރި ޝޮވިން ކަފާލާތުގެ ދަށުން ދޫކުރާނީ 1.25 މިލިއަން ޑޮލަރު ދެއްކުމުންނެވެ. އަދި ލޭންއާ އެއް ދައުވާއެއް ލިބޭ ބާކީ ދެ ފުލުހުންނަށްވެސް ކަފާލާތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 750،000 ޑޮލަރެވެ.
މިދިޔަ އަންގާރަ ދުވަހު ފްލޯއިޑްގެ ޖަނާޒާ ވަނީ ޓެކްސަސްގެ ހިއުސްޓަންގައި ބާއްވާފަ އެވެ.
ފްލޯއިޑްގެ މަރާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.