އޮސްލޯ (ޖޫން 11): މިދިޔަ އަހަރުގެ އޮގަސްޓު މަހު ނޯވޭގެ މީހަކު އޭނާގެ ކޮއްކޮ މަރާލުމަށް ފަހު، އެގައުމުގެ މިސްކިތެއްގައި ބަޑިން ހަމަލާ ދިން މައްސަލައިގައި އޭނާ 21 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގެ ކޯޓަކުން 22 އަހަރުގެ ފިލިޕް މަންޝައުސް 21 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އޭނާގެ މައްޗަށް މީހަކު މެރުމާއި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެއީ އެގައުމުގައި މީހަކު ޖަލަށް ލެވޭ އެންމެ ދިގު މުއްދަތެވެ.

މިދިޔަ އަހަރުގެ އޮގަސްޓު 10އެއްގައި މަންޝައުސް އޭނާގެ ހަމަލާ ފެށީ އޭނާގެ ދޮންމަންމަގެ 17 އަހަރުގެ އަންހެން ދަރިފުޅު ޖޮއާން، އެމީހުން ދިރިއުޅޭ ގޭ ތެރޭގައި ބަޑި ޖަހާ މެރުމަށް ފަހުގަ އެވެ.

ފުލުހުން ބުނި ގޮތުގައި ޖޮއާން އަކީ އުމުރުން ދެ އަހަރުގައި ޗައިނާއިން އެޑޮޕްޓުކޮށްފައިވާ ކުއްޖެކެވެ. އަދި މަންޝައުސްއަކީ ނަސްލީ ތަފާތު ކުރުމުގެ ހިޔާލު ގެންގުޅޭ މީހެއް ކަމަށާއި ޖޮއާން މަރާލީ އޭގެ ސަބަބުން ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ.

އެއަށް ފަހު މަންޝައުސް ދިޔައީ އެ ގެ ކައިރީ ހުރި އަލް ނޫރު އިސްލާމިކް ސެންޓަރަށެވެ. އަދި މިސްކިތުގައި ތިބި ތިން މީހުންނަށް ހަމަލާ ދޭން މަސައްކަތް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު މަންޝައުސް ހިފެހެއްޓި އެވެ.

މަންޝައުސްގެ ކޮއްކޮގެ ހަށިގަނޑު ފެނުނީ އެ ހަމަލާއަށް ފަހު އޭނާގެ ގެ ފުލުހުން ބަލާ ފާސް ކުރުމަށް ދިޔުމުންނެވެ.

އެ މައްސަލައިގެ ޝަރީއަތުގައި މަންޝައުސް ވަނީ އޭނާ މިސްކިތަށް ހަމަލާ ދިނީ ނިއު ޒީލޭންޑުގައި މިދިޔަ އަހަރުގެ މާޗް މަހު ދެ މިސްކިތަަކަށް ދިން ހަމަލާއަށް ބަލާފައި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ހަމަލާ ބޮޑަށް ރާވައިގެން ދެވުނު ނަމައޭ ހިތަށް އަރާ ކަމަށް ބުނެފަ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ މަންޝައުސް މިސްކިތަށް ދިޔައީ ވީހާވެސް ގިނަ މުސްލިމުން މެރުމަށް ރާވައިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ހުކުމް ތަންފީޒު ކުރިޔަސް އޭނާއަކީ މުޖުތަމައަށް ނުރައްކަލެއް ކަަމަށް ބެލެވޭ ނަމަ، އޭނާ ޖަލުން މިނިވަން ކުރުން މުއްދަތެއް ނެތް ގޮތަށް ފަސް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.