ސަރުކާރުން ފަށާފައިވާ "ހުނަރު" ޕްރޮގްރާމްގެ ދަށުން 1000 މީހުން ތަމްރީން ކުރުމަށް ހަ ފަރާތަކާ އެކު ހަތް ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.

އެޑިއުކޭޝަނުން ބުނީ ތަމްރީން ޕްރޮގްރާމްތައް ހިންގަން ހަވާލުކުރެވުނީ އެމްއެންޑީއެފްގެ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިންގް އެންޑް އެޑިއުކޭޝަނާއި ފޯކަސް އެޑިއުކޭޝަން ސެންޓަރާއި ސައިރިކްސް ކޮލެޖާއި ކްލިކް ކޮލެޖާއި ވިލާ ކޮލެޖާއި އަދި ސެންޓަރު ފޯ ކެރިއަރު އެންޑް ޓެކްނިކަލް އެޑިއުކޭޝަނާއި އެކުގައި ކަމަށެވެ.

ކޯސްތައް ފައްޓަވައިދެއްވާ ޝަރަފްވެރިކޮށް ދެއްވީ އަންގާރަ ދުވަހު ޝޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި އޮތް ރަސްމިއްޔާތެއްގައި ހުނަރު ޕްރޮގްރާމްގެ ސްޓިއަރިން ކޮމެޓީގެ ޗެއާ ޕާސަން އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑރ. އަހުމަދު އަލި މަނިކެވެ.

އެ ރަސްމިއްޔާތުގައި ޑރ. އަލި މަނިކު ވިދާޅުވީ އެ އެގްރިމެންޓްގެ ދަށުން ޕްރޮގްރާމްގެ 40 ޕަސެންޓު ހާސިލްކުރުމާއި ގާތްވެފައިވާ ކަމަށާއި މިހާރު ވެސް 449 މީހުން ތަމްރީން ކުރެވެމުންދާ ކަމަށެވެ.

އަދި އިމިގްރޭޝަން އޮފިސަރުން ތަމްރީން ކުރުމުގެ އާ ކޯހެއް ފެށުމަށް އިމިގްރޭޝަން ޑިޕާޓްމަންޓާއި މަޝްވަރާކުރައްވަމުންދާ ކަމަށް ވެސް ޑރ. އަލި މަނިކު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވަނީ ހުނަރު ޕްރޮގްރާމްގެ ލޯގޯ ވެސް ޝަރަފްވެރި މެހްމާން އިފްތިތާހް ކޮށްދެއްވާފަ އެވެ.

ހުނަރު ޕްރޮގްރާމުގެ ދަށުން ސަރުކާރުން ވަނީ 8500 މީހުން ތަމްރީން ކުރުމަށް ހަމަޖައްސާފަ އެވެ. އެގޮތުން މި މަހުގެ ތެރޭގައި ވެސް ވަނީ ތިން ކޯހެއް އަލަށް ފައްޓަވާފަ އެވެ.