ކޮވިޑް19 ބަލި ފެތުރި، ހުރިހާކަމެއްހެން ހުއްޓުމަކަށް އަންނަން ޖެހުނެވެ. ވަޒީފާތަކާއި ދަރީންގެ ތައުލީމާއި އިގްތިސާދު މަޑުޖެހުނެވެ. އެންމެންހެން "ގޭބަންދު"ވިއެވެ.

ގޭގައި ބަންދުވެ، މާޔޫސްކަން ބޮޑުވެގެން ދިޔަ ހާލުގައިވެސް އެންމެންގެ ޚިދުމަތުގައި އެތައް ހީވާގި ބަތަލުންތަކެއް އުޅުނުކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިއީ އެފަދަ އެކަކުގެ އަގުހުރި ހިދުމަތުގެ ވާހަކައެވެ.

ހުޅުމާލޭ ޣާޒީ ސްކޫލުގެ މުދައްރިސް އާއިޝަތު ޚަލީލަކީ ތައުލީމީ ދާއިރާގައި އާ މޫނެއް ނޫނެވެ. ޕްރައިމަރީ އަދި ސެކަންޑްރީއަށްވެސް ކިޔަވައިދެއްވި އައިޝާ މިސް މިހާރު ކިޔަވައިދެއްވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ.

ކޮވިޑް19އާ ގުޅިގެން ސްކޫލުތައް ބަންދުކުރި ހާލަތު ލައިގަތް އިރު އައިޝާ އިންނެވީ ބަލިވެއެވެ.

ނަމަވެސް ދަރިވަރުންނަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިތްވަރާއެކު ކުރިއަށް ގެންދެވިއެވެ. ދަރިވަރުންނަށް ފޮނުވާ ޓެލިކިލާސްގެ ފިލާވަޅުތައް ރެކޯޑުކުރެއްވުމުގައި އަވަދިނެތި އުޅުއްވިއެވެ. ބަނޑަށް އަށް މަސް ވެ، ބަނޑުގައި ރިހެމުން ދިޔަ ނަމަވެސް ގޭގައި ޓެލިކިލާސް ވީޑިއޯ ތައްޔާރުކުރައްވަމުން ގެންދެވިއެވެ.

އައިޝާ ދަރިވަރަކާއެކު-- ފޮޓޯ: އައިޝާ

މިހިސާބުން ނިމުނީކީ ނޫނެވެ. ބަނޑުގައި ރިހުން އިތުރުވެ، ހޮސްޕިޓަލުގައި އެނދުމަތިވާންވެސް އައިޝާ މިސްއަށް ޖެހުނެވެ. އެ ހާލުގައިވެސް އޭނާގެ ދަރިވަރުންނަށްޓަކައި ކޮށްދޭންޖެހޭ ހިދުމަތަށް އެއްވެސް އުނިކަމެއް ނުގެންނަވައެވެ. ހޮސްޕިޓަލުގައި އެޑްމިޓްވެ އޮންނަވައިގެންވެސް ޓެލިކިލާހުން އަތް ދޫކޮށް ނުލެއްވިއެވެ. ފިލާވަޅު ވީޑިއޯތައް އެޑިޓްކުރުމާއި އަޑުއެޅުމާއި އެތަކެތި ކޮމްޕައިލްކުރުމުގެ މަސައްކަތްކުރީ ހޮސްޕިޓަލު އެނދުމަތީގައި އޮންނަވައިއެވެ.

"ހަމަ ވަަރަށް ބޮޑަށް ބަނޑުގައި ރިއްސާ. އެހެން ނަމަވެސް ކުރިންވެސް އެކަމަށް އެއްބަސްވެފަ އޮތީމަ ޓެލިކްލާސްތައް ނަގައިދިނީ،" އައިޝާ މިސް "ސަން"އަށް ވިދާޅުވިއެވެ.

ޓެލިކިލާހުގެ ކޮންސެޕްޓު ރާއްޖެއަށް ވަރަށް އަލެވެ. އަމިއްލައަށް ވީޑިއޯ ރިކޯޑުކޮށް، އެޑިޓްކޮށް ތައްޔާރުކުރުމުގެ ތަޖުރިބާ ގިނަ ޓީޗަރުންގެ ކިބައިގައި ނުހުންނާނެއެވެ. އައިޝާ މިސްއަށްވެސް މިކަން ވެގެން ދިޔައީ ގޮންޖެހުމަކަށެވެ.

ފޯނުން ވީޑިއޯ ރިކޯޑުކުރުމަށްފަހު ކީނޯޓާއި އައިމޫވީ ފަދަ އެޕްލިކޭޝަންތަކުން ވީޑިއޯ އެޑިޓުކޮށް ޑަބްކުރުމުގެ ކަންކަން ކުރެއްވިއެވެ.

"ވީޑިއޯ ހަދާފައި ވަކިން އަޑުވެސް އަޅަންޖެހޭ. ހާއްސަކޮށް ހޮސްޕިޓަލުގަި އޮތް އިރު ބެކްގްރައުންޑް އަޑު ހުންނާތީ އެކަން ކުރަން ވަރަށް އުނދަގޫވި. އޭގެ އިތުރުން އިންޓަނެޓު ސްލޯވުން ފަދަ ކަންކަންވެސް ކުރިމަތިވި. ދެ ފޯނު ބޭނުންކޮށްގެން ބަލަމުން އެޑިޓްކުރީ،" އައިޝާ މިސް ކިޔައިދެއްވިއެވެ.

މިދިޔަ އަހަރު ފާހަގަކުރި އޯޓިޒަމްޑޭގެ ހަަރާކާތެއްގައި އައިޝާ ދަރިވަރަކާއެކު-- ފޮޓޯ: އައިޝާ

އައިޝާ މިސްގެ ޝަކުވާއެއް ނެތެވެެ. މާބަނޑުވެ ބަނޑުގައި ރިހެމުން ދިޔަ ހާލުގައިވެސް، ގޭގޭގައި ބަންދުވެފައި ތިބި ދަރިވަރުންނަށްޓަކައި ކޮށްދެވެން އޮތް އެންމެ ފުރިހަމައަށް ފިލާވަޅުތައް ނަންގަވައިދެއްވިއެވެ. ފިރިމީހާއާއި، މަންމަ ޖުވައިރިޔާ ނަޖީބު އަދި ދޮންތަ ޝުޖާއަތު ޚަލީލްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ.

"ޓެލިކިލާސްތައް ރެކޯޑުކުރުމަކީ ޓީޗަރުންނަށް އެހާ ފަސޭހަކަމެއް ނޫން. އެއީ ކޮންމެ މީހެއްގެ ގެއަކީ ސްޓޫޑިއޯއެއް ނޫން،" އައިޝާ މިސް ވިދާޅުވިއެވެ.

އެޑްމިޓްވެ އޮންނެވުމަށްފަހު މިހާރު ގޭގައި ހުންނެވި އައިޝާ މިސް ވިދާޅުވީ ޓީޗަރުންގެ އަގު މިހާރަށްވުރެ ބޮޑަށް ވަޒަންކުރަން ޖެހެނީވެސް މިފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.

ޓެލިކިލާހަކީ މުޅި ދުނިޔެއަށް ދިމާވެގެން އުޅޭ އާލަމީ ބަލިމަޑުކަމުގެ ތެރެއިން ވަގުތީ ގޮތުން އެކި ގޮތްގޮތަށް ހޭނި، އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޯދި ހައްލެކެވެ.

އެކަން ކުރުމުގެ މާ ބޮޑު ތަޖުރިބާ ނެތްނަމަވެސް، މުދައްރިސުންނަށް ވީ އެންމެ ފުރިހަމައަށް އެ މަސައްކަތް ކުރައްވާކަން، ބަލިވެ އިންނެވި އައިޝާ މިސްގެ މަސައްކަތްތަކުންވެސް މާ ބޮޑަށް އެނގި ހާމަވެއެވެ.