ތ. ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް މިއަދު ފެނިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ނަވާޒު ވިދާޅުވީ ރަށުގެ އާންމު ރައްޔިތަކު އަތިރިއަށް ގޮސް އުޅުމުގެ ތެރޭގައި އިންސާނެއްގެ ކަށިގަނޑު ފެނިފައިވަނީ މިއަދު މެންދުރު 12:00 އެހާއިރު ކަމަށެވެ.

އެ ކަށިގަނޑު ފެނިފައިވަނީ ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށުން ކަމަށް ނަވާޒު ވިދާޅުވި އެވެ.

އެގޮތުން އެ ސަރަހައްދަކީ ރަށުގެ ކަނޑޫފާ ސަރަހައްދާ ގާތް ސަރަހައްދަކަށް ވެފައި އެތަނަކީ މީހުން އާންމުކޮށް ގޮސް އުޅޭ ސަރަހައްދެއް ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ.

ކަނޑޫދޫގެ ދެކުނު ސަރަހައްދު ގޮނޑުދޮށުން ފެނުނު ކަށިތައް --- ފޮޓޯ : ކަނޑޫދޫ ކައުންސިލު

އެ މައްސަލަ ކައުންސިލަށް އެންގުމުން ކައުންސިލުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައި ކަމަށް ނަވާޒު ވިދާޅުވިއެވެ.

"ފުލުހުންނަށް ހުށަހަޅާފައިވާނީ. އެ ކަށިގަނޑު އެއްވެސް ވަރަކަށް ނުގުޑުވާ އޮތްތަނުގައި ބާއްވާފައި އޮންނާނީ،" އޭނާ ވިދާޅުވިއެވެ.

އެ ސަރަހައްދުން ކަށިގަނޑުތައް ފެނުނު ތަނުގައި ބޮލުގެ ކަށިގަނޑާއި ހަށިގަނޑުގެ އިތުރު ކަށިތަކެއް ބިމުން މަތީގައި ފެންނަން ހުއްޓެވެ.