11 Jun 2020, 14:07
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ފުލުހުންްގެ ހުވާގެ އިބާރާތްތައް ބަދަލުކުރަން ހިމަނާފައިވާ ގޮތުން، ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ފުލުހުންގެ ހުވައިގެ އިބާރާތަށް ވަނީ ބަދަލުގެންނަން ހުށަހަޅުއްވައިފަ އެވެ. މިހާރު ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންގެ ހުވާގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިބާރާތަކީ؛
"އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ."
ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ފުލުހުންގެ ހުވާގެ އިބާރާތަށް ގެނެސްފައިވާ ބަދަލަކީ:
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަގާމުގައި ހުރެ އަހުރެން ހިދުމަތް ކުރާނީ އިންސާނީ ހައްގު ހިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއް ނެތި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެ ގާނޫނުއަސާސީން ބާރުލިބިދޭ ގާނޫނުތަކުގެ ހުކުމްތައް އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ގާއިމުކުރުމަަށެވެ. ކޮންމެ ހާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަގާމު އަހުރެން އަދާކުރާނީ، އެގޮތުގައި ހުރެކަމުގައި، މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަަށް އެކަލާނގެ ހަޟްރަތުން އަހުރެން ވާގި އެދެމެވެ."
އިބާރާތަށް ގެނެސްފައިިވާ ބަދަލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި ޝެއިޚް އަލީ ޒައިދު ވަނީ ވާހަކަދައްކަވައިފަ އެވެ. ޝެއިޚް އަލީ ޒައިދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ވަނީ ހުވާގެ އިބާރާތަށް ބަދަލު ގެންނަ އިރު، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ މީހަކަށްވުން ހުވާގެ އެންމެ ކުރިއަށް ލާފައި ވާތީ އެވެ. އަދި އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ހިތުން އަންނަނީ އޭގެ ފަހަތަށެވެ.
ޒައިދުގެ ކަންބޮޑުވުމަކީ، އިސްލާމްދީނުގައި މަނާކޮށްފައިވާ ބައެއް ކަންކަން އިންސާނީ ހައްގުތަކުގެ ނަމުގައި ދުނިޔޭގައި ހުއްދަކޮށްފައި ވާއިރު، ހުވާގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ހިމަނާފައިވާތީ އެވެ.
"އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން. އެންމެ ފުރިހަމަ ނިޒާމު. އިންސާނީ ހައްގުތަކަކީ އިސްލާމްދީން ކަށަވަރުކުރާ ކަންކަން. ނަމަވެސް މިއަދުގެ ދުނިޔޭގައި އެއް ޖިންސުން ގުޅުން ހިންގުމަކީވެސް އިންސާނީ ހައްގެއް. އިސްލާމް ދީނުގައި މުޅިން ނަޖިސް ކަންކަން. ވީއިރު، ފުލުހުންގެ ހުވާގެ އިބާރާތް މިހެން އޮތުމުން ކަންބޮޑުވޭ،" ޒައިދު ވިދާޅުވި އެވެ.
ޒައިދުގެ އިތުރުން ވެސް ބައެއް ފަރާތްތަކުން އަންނަނީ، ފުލުހުންގެ ހުވާގެ އިބާރާތަށް ބަދަލުގެންނަން ހުށަހަޅާފައިވާ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ތަޅުމުގައި އިއްވާފައި ވާއިރު، މިހާރު ކުރިއަށް ދަނީ އިބްތިދާއީ ބަހުސްގެ މަރުހަލާ އެވެ.
އެ ބިލުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތް އަލުން ތަރުތީބުވެ ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފަ އެވެ.