11 Jun 2020, 15:19
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެންމެ ފުރަތަމަ ފަހަރަށް ހާލު ދެރަވެގެން ދަރުމަވަންތަ އައިސީޔޫގައި ފަރުވާދޭން ޖެހުނު މީހާގެ ކޭސްއާ ގުޅޭ ޑޮކްޓަރުންގެކޭސް ރިޕޯޓް އާންމުކޮށް ޝާއިއުކޮށްފި އެވެ.
މެޑިކަލް ރީސާޗްތައް އާންމުކުރާ "ސައިންސް ޑައިރެކްޓް" ގައި އާންމުކޮށްފައި ވަނީ ރާއްޖެއިން ކޮވިޑް ޖެހިގެން ހާލު ބޮޑުވެ، މާޗް 7 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިން އުމުރުން 69 އަހަރުގެ އިޓަލީ ފަތުރުވެރިޔާގެ ކޭސް އެވެ.
އެ ރިޕޯޓްގައި އެ ބަލިމީހާއަށް ފަރުވާ ކުރުމުގައި އަމަލުކުރި ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައިވެ އެވެ. އެ ރީސާޗް ރިޕޯޓް ޝާއިއުކޮށްފައި ވަނީ "ރެސްޕިރޭޓަރީ މެޑިސިން ކޭސް ރިޕޯޓްސް"ގެ ތެރޭގަ އެވެ.
މި ކޭސް އަކީ އެޕިޑެމިލޮޖިކަލް ސާވެއިލެންސްގެ މުހިންމުކާއި، ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ އަވަސްކުރެވިއްޖެ ނަމަ، ރިސްކް ބޮޑު ގްރޫޕްތަކުގެ މީހުންނަށް ވެސް ފަރުވާ ކުރެވޭނެ ކަމުގެ އުންމީދު އޮތްކަން އެނގިގެންދާ ކޭސް އެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
އިޓަލީން ރާއްޖެ އައި އެ ފަތުރުވެރިޔާ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން، ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައި ވަނީ ރާއްޖެ އައިތާ ތިން ވަނައަށް ވީ ދުވަހު އެވެ. އަދި ކޮވިޑް19 އަށް ޝައްކު ކުރެވޭތީ އޭނާ ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފަ އެވެ.
ދުވަސްވީ ނަމަވެސް، އިތުރު ބައްޔެއް ނެތް އެ ފަތުރުވެރިޔާ އައިސޮލޭޝަން އަށް ގެންދިޔަ އިރު އޭނާގެ ހަށިގަނޑުގައި ހުމުގެ އަސަރު ހުރި ނަމަވެސް، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ނެތެވެ.
ނަމަވެސް ފަސް ވަނައަށް ވީ ދުވަހު ފަތުރުވެރިޔާގެ ހާލަތު ދަށްވާން ފެށުމުން، އޭނާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކޮށްފަ އެވެ.
ބަލިމީހާ ދަރުމަވަންތައަށް ގެންދިޔަތާ ހަތަރުވަނައަށް ވީދުވަހު ބޭރަށް ހިންގައި، ހާލަތު އިތުރަށް ދަށްވާން ފެށި އެވެ. ކޮވިޑްގެ ސަބަބުން އޭނާގެ ހިތުގެ ވިންދު ލަސްވެ، ހިމަގްލޯބިން އާއި ކެލްސިއަމް ވެސް ދަށަށް ދިޔަ އެވެ.
ކޭސް ރިޕޯޓްގައިވާ ކޮވިޑް-19 އިންފެކްޝަންގެ ސަބަބުން ބަލި މީހާގެ ފުއްޕާމެއަށް ކޮށްފައިވާ އަސަރުތަކުގެ ތަފްސީލް ވެސް އެކްސްރޭގެ ފޮޓޯއާ އެކު ވަނީ ހިމަނައިފަ އެވެ. އެގޮތުން، ކޮވިޑް-19 ގެ ސަބަބުން ބަލި މީހާގެ ފުއްޕާމޭގެ ދެ ފަރާތުގެ އެއް އަރިމައްޗަށް އިންފެކްޝަންގެ އަސަރުކޮށް ދުޅަވި އެވެ.

ކޮވިޑް-19 ގައި ފުއްޕާމެއަށް ކޮށްފައިވާ އަސަރު --
އާންމު ނިއުމޯނިއާތަކުގައި ފުއްޕާމޭގެ މެދަށް ވެސް އަސަރުކުރެ އެވެ. އެހެން ނަމަވެސް، ކޮވިޑްގައި އަސަރު ކުރަނީ ފުއްޕާމޭގެ އަރިމައްޗަށް ކަން ހޯދިފައިވެ އެވެ.
ކޭސް ރިޕޯޓްގައިވާ ގޮތުގައި އޭނާގެ ހާލަތު ރަނގަޅުވީ ލޮޕިނަވިރު/ ރިޓަނޮވިރު/އޮސިލްޓަމިވިރު ހިމެނޭ އެންޓިވައިރަލް ޑްރަގް އާއި ނޭވާލާން ދިން ސަޕޯޓް ޓްރީޓްމަންޓްތަކުގެ ސަބަބުންނެވެ.
ކޭސް ރިޕޯޓްގައިވާ ގޮތުގައި ބަލި މީހާ ހޮސްޕިޓަލުން ދޫކޮށްލިއިރު، އޭނާގެ ފުއްޕާމެއަށް ވައިރަހުގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ނުލިބި އިންފެކްޝަނުން ވަނީ ފުއްޕާމޭ ސަލާމަތްވެފަ އެވެ.
އައިސީޔޫގައި ބަލިމީހާއަށް ފަރުވާކުރުމަށްފަހު، ހާލު މަޑުމަޑުން ރަނގަޅުވަމުން އައިސް، ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 15 ވަނައަށް ވީ ދުވަހު، ހެދި ޓެސްޓުތަކުން އޭނާ ބައްޔަށް ނެގެޓިވްވެ، ބަލިން މުޅިން ރަނގަޅުވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ރިޕޯޓްގެ ނިންމުމުގައި ބުނެފައި ވަނީ، ބަލިމީހާގެ ފަރުވާއިން ރަނގަޅު ނަތީޖާ ނެރެދިނީ ވަގުތުން އޮކްސިޖަން ފޯރުކޮށްދިނުމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެވުމުން ކަމަށެވެ. އަދި ބަލީގެ ފުރަތަމަކޮޅުގައި ޕޭޝަންޓުގެ ބަލި ހުރިކަން ދެނެގަނެވި، ވަގުތުން ވަގުތަށް ދޭންޖެހޭ ފަރުވާ ދީ ބަލިން ފަސޭހަވުމަށް މަގުފަހިކުރެވުނީ ރާއްޖޭގައި ގާއިމުކޮށްފައި އޮތް ހަރުދަނާ ސާވޭލަންސް އަދި ކޭސް ފައިންޑިންގް ނިޒާމުގެ ސަބަބުން ކަމަށެވެ.
އެ ރިޕޯޓްގައި ބަލިމީހާއަށް ފަރުުވާދިން ދިވެހި ޑޮކްޓަރުންްގެ ޓީމު ހިމެނޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ދިރާސާގައި ޑރ. މޫސާ ހުސައިން އާއި ޑރ. މުހައްމަދު އަލީ، ޑރ. މުހައްމަދު އިސްމާއީލް، ޑރ. ނަޒްލާ ރަފީގް އަދި ޑރ. ޝީނާ މޫސާ ހިމެނިވަޑައިގަންނަވާ ގޮތުން، ޖުމްލަ 15 ޑޮކްޓަރުންގެ ބައިވެރިވުން ހިމެނެ އެވެ.