އައްޑޫ ސިޓީ ހިތަދޫ މަގުމަތިން ފެނުނު 100،000 ރުފިޔާ އެރަށު ޕޮލިސް ސްޓޭޝަނާ ހަވާލުކުރި ބިދޭސީ މީހާގެ އިހުލާސްތެރިކަމުގެ އަގު ފުލުހުން ވަޒަން ކޮށްފި އެވެ.

ހިތަދޫގައި ދިރިއުޅޭ ބަންގަލަދޭޝްގެ، އެމްޑީ ކަމާލް ހޮސެއިންއަށް އެ ރަށު މަގުމަތިން ފެނުނު ސިޓީ އުރައެއްގެ ތެރޭގައި އޮތް އެއްލައްކަ ރުފިޔާ ފެނުނީ، މިދިޔަ ހުކުރު ދުވަހު އެވެ. އެއާ، އެކު އޭނާ ވަނީ އެ ފައިސާތައް ވަގުތުން އެ އަވަށު ޕޮލިސް ސްޓޭޝަނާ ހަވާލުކޮށްފަ އެވެ.

އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދިޔާ ވަނީ މިއަދު ދީފަ އެވެ.

ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޝަންސްގެ ކޮމާންޑާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމެވެ.

މި ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތް ކަމަށްވާ ދަފްތަރު ނަމްބަރު 1912، އަލީ އަބްދުއް ސައްތާރުގެ ފަރާތުންވެސް އެމްޑީ ކަމާލް ހޮސައިން އަށް ފައިސާގެ އިނާމަކާ އެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހުގެ ހިލޭ ކެއުން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ. އަދި އެ ބިދޭސީ މީހާގެ މިހާރު ހުރި ވަޒީފާ ގެއްލިއްޖެ ނަމަ، ވަޒީފާ ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ވެސް ފައިސާތަކުގެ ވެރިފަރާތުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމުގައި، ކަމާލް ހޮސައިންއާއި ފައިސާގެ ވެރިފަރާތް ކަމަށްވާ އަލީ އަބްދުއްސައްތާރާއި ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމްގެ އިތުރުން އައްޑޫ ސިޓީ ކޮމާންޑަރު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް އިމްރާނާއި ޗީފް ސްޓޭޝަން އިންސްޕެކްޓާ އިބްރާހިމް ބައިވެރިވެ ވަޑައިގަތެވެ.

ފުލުހުން ފައިސާތަކުގެ ވެރިފަރާތް ހޯދައިމި މަހުގެ ހަ ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ.