މޮސްކޯ (ޑިސެމްބަރު 29) : ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ މައްސަލާގައި އެމެރިކާއިން އީރާނަށް އިންޒާރެއް ދީފި އެވެ.

ގަލްފުގެ އެންމެ ކުޑަ ގައުމު ކަމަށްވާ ބަހްރައިންގައި ޖަގަހަ ހަދައިގެން އުޅޭ އެމެރިކާ ފަސް ވަނަ ފްލީޓްގެ ތަރުޖަމާނަކު ވިދާޅުވީ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ފުރުސަތު އީރާނަށް ނުދޭނެ ކަމަށާއި އީރާނުގެ މިފަދަ އަމަލުތައް ގަބޫލު ނުކުރެވޭނެ ކަމުގަ އެވެ. އެމެރިކާގެ ހާރިޖިއްޔާއިން ބުނީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރަންޖެހިދާނެ ކަމަށް ބުނެ އީރާނުން ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ގަބޫލު ނުކުރެވޭނެ ކަމުގަ އެވެ. ފަރަންސޭސިވިލާތުން ވެސް ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދު ނުކުރުމަށް އީރާނަށް ގޮވާލާފަ އެވެ.

އީރާނުގެ ތެޔޮ ބޭރުކުރުން މަނާކުރުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ކުރަމުންގެންދާ މައްސަލާގައި ދެއްވި އިންޒާރެއްގައި އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ހަބީބުﷲ ސިޔާރީ ވިދާޅުވެފައި ވަނީ އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުވައިފިނަމަ ގަލްފުގެ ސަރަހައްދުން އެންމެ ތެޔޮ ކަންޏެއް ވެސް ބޭރުކުރުމުގެ ފުރުސަތު ނުދޭނެ ކަމުގަ އެވެ. އެކަމަށްޓަކައި ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހިއްޖެނަމަ އެކަންކުރަން ވެސް އޮތީ ތައްޔާރަށް ކަމަށާއި އެކަނޑުއޮޅި ބަންދުކޮށްލުމަކީ އީރާނަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށްވެސް ސިޔާރީ ވިދާޅުވި އެވެ.

ދުނިޔޭގައި އެކްސްޕޯޓް ކުރާ ތެލުގެ %40 ގެންދަނީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގެ ތެރެއިންނެވެ. މި ކަނޑުއޮޅި ބަންދުކޮށްފިނަމަ އެމެރިކާއާއި ޔޫރަޕް ތެލަށްޖެހި ހުޅަނގުގެ އިގުތިސާދު ވަރަށް އަވަހަށް ފުނޑުފުނޑުވެގެންދާނެ ކަމަށް ސްޓްރެޓީޖިކް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)