11 Jun 2020, 12:37
ހއ ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓުގެ 83 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ.
އެމްޓީސީސީ އިން ބުނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. މިހާރު ކުރިއަށް އޮތީ ތާރު އެޅުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8635 މީޓަރުގެ އޭރިއާއެއްގައި އޭޕްރަން އާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ.
މީގެ އިތުރުން އެއާސައިޑް ރޯޑާއި ލޭންޑް ސައިޑް ރޯޑު ތަރައްގީކޮށް ފަޔާއެކްސެސް ރޯޑު ތަރައްގީކޮށް އެއާޕޯޓު ސަރަހައްދު ވަކިކުރުމަށް ފެންސް ޖަހާނެ އެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުމަށް އެރަށުން 842،200 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި 1120 މީޓަރުގެ ސަރަހައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހައިފަ އެވެ.
ކުރީ ސަރުކާރުން ނިންމާފައި އޮތީ ހޯރަފުއްޓާ އިންވެގެން އޮންނަ އެ އަތޮޅު މާފިނޮޅުގައި އެއާޕޯޓު ތަރައްގީ ކުރުމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެއާޕޯޓު މަސައްކަތް ހޯރަފުއްޓަށް ބަދަލުކޮށްފަ އެވެ.