ވ. ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ކަމަށް ބުނެ ޕީޕީއެމްއިން ހެދީ ދޮގުކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ މީޑީއާ ޑައިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން މެންބަރު ފަޒުލް ށަހެޅުއްވި ގަރާރު މަޖިލީހުން ބޭރެއް ނުކުރާ ކަމަށެވެެ.

"އެ ގަރާރު މަޖިލީހުގައި އޮތް ވާހަކަ ދަންނަވަން. އަދި އެ ގަރާރުގެ މަސައްކަތް ކުރިއަށް ދާނެ،" ޒިޔާއު ވިދާޅުވި އެވެ.

ފަޒުލް ހުށަހެޅުއްވި ރަށްގިރުމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހަަށް ތާވަލްކޮށްފައި އޮތް ނަމަވެސް އެނާ އެ ދުވަހު ހާޒިރުވެފައި ނުވާތީ އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވިދާޅުވީ ގަރާރު ހުށަހަޅުއްވާ މެމްބަރު ޖަލްސާގައި ނެތް ނަމަވެސް، ބައެއް ފަހަރު އެ ޕާޓީގެ އެހެން މެމްބަރަކު ގަރާރު ހުށަހަޅުއްވައިގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

"ދެން ފެލިދޫ އާ ގުޅޭގޮތުން އަޅުގަނޑު ހިތުން އެ މެމްބަރު ނެތް ތަނެއްގައި ހުރި މީހަކީ އަޅުގަނޑު. ފުލިދޫ އާ ގުޅޭގޮތުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މެމްބަރު މަޖިލީހުގައި ވަޑައިގެން ނެތް ނަމަވެސް، ފުލިދޭ ގިރަމުންދާ މައްސަލަ، އެރަށު ރައްޔިތުންނަށް އޮޅުންފިލުއްވައިދެވޭނެ ކަމަށާއި އަދި އެކަމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ.

ނަމަވެސް ޕީޕީއެމްއިން ބުނީ ފަޒުލް އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހު ކަމަށާއި އަދި އެ މައްސަަލަ، މަޖިލީހުގެ ޖަލްސާއަކަށް ކުއްލި ގޮތަކަށް އެޖެންޑާ ކުރުމަށްފަހު ބޭރުކޮށްލައިފައިވާ ކަމަށެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެ، ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ފެންނަމުންދާ ހުދުމުހުތާރުކަން އިތުރަށް ހާމަވެ އެމަނިކުފާނުގެ ހިތުގައި ރައްޔިތުންނާމެދު އެއްވެސް މިންވަރެއްގެ އިހުތިރާމެއް ނެތް ކަމުގެ ހެއްކެއް ކަމަށެވެ.

ދާދި ފަހުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއަށް ދިން ހަމަލާތަކަށްފަހު މަޖިލީހުގައި މެމްބަރުންނަށް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ ޕީޕީއެމްއިން ވަނީ ޖަލްސާތައް ބޮއިކޮޓްކޮށްފަ އެވެ.

މަޖިލީހުގައި މައިނޯރިޓީގެ އަޑު ކަނޑުވާލުމަށް މަޖިލީހުގެ ރައީސް ހުދުމުތާރުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތުގައި މަޖިލީހުގެ އަމީން އާންމާއި ކައުންސެލަރު ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސް ބައިވެރިވެ ހިތްވަރުދެމުން ގެންދަވާކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.