29 Dec 2011, 15:04
ރާއްޖޭގައި ހިންގާ ހުރިހާ ސްޕާތަކެއް މިއަދުން ފެށިގެން ބަންދުކުރުމަށް އަންގައި ސްޕާތައް ހިންގާ ހުރިހާ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ސާކިއުލާއެއް ފޮނުވައިފި އެވެ.
ސްޕާތައް ބަންދުކުރުމަށް އަންގައި ހުރިހާ ރިޒޯޓްތަކާއި ހޮޓާތަކަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ފޮނުވި އެންގުމުގައި ބުނެފައި ވަނީ ރާއްޖޭގައި ހިންގާ މަސާޖްކުރާ ތަންތަނުގައި ހަށިވިއްކާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަޑު އުފުލުމާ ގުޅިގެން ރާއްޖޭގައި ހިންގާ ހުރިހާ މަސާޖްކުރާ ތަންތަނެއް ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެ އެންގުމުގައި އަދި ވަނީ މާލެ އާއި މާލެ ކައިރިން ފެށިގެން ހުރިހާ ރިޒޯޓެއްގައި ހިންގާ އެފަދަ ތަންތަނަކީ ވެސް ދިވެހިން ހިދުމަތް ހޯދާ ތަންތަން ކަމަށް ތުހުމަތު ކުރެވޭ ތަންތަން ކަމަށެވެ. އެހެންކަމުން އެކަމުގައި މާލެ އާ ކައިރި ނުވަތަ ދުރުމިނަށް ބަލައިގެން މިން އެޅެން ނޯންނާނެތީ ހުރިހާ ތަނެއް ވެސް ބަންދުކުރަން ނިންމީ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.
" .. ދަންނަވާފައި އެވާ ފަދަ ތުހުމަތުތަކާ މެދު އަންހަންމިއްޔަތުކަން ދެއްވައިގެން އަދި ހަމަހަމަކަން އޮންނާނެ އުސޫލަކުން މިފަދަ ތަންތަން ބަންދުކުރެއްވުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފަ އެވެ. މީވާ ރިޒޯޓްތަކުގައި ހުރި ހުރިހާ ސްޕާތައް މިއަދުން ފެށިގެން ބަންދުކުރުމަށް ދެންނެވީ މެވެ." އެ އެންގުމުގައިވެ އެވެ.
އެ އެންގުމުގައި އަދި ބުނެފައި ވަނީ ރިޒޯޓްތަކުގައި ހިންގާ ސުޕާތަކަކީ ވަކި ހާއްސަ ހުއްދައެއް ސަރުކާރުން ދެއްވައިގެން ހިންގާ ތަންތަނެއް ނޫން ކަމަށެވެ. އެހެންވެ އެތަންތަން ގިންތިކުރައްވައި ބެއްލެވުމުގެ މަސައްކަތްޕުޅެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުން ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.
ސުޕާތައް ބަންދުކުރުމަށް ވިސްނާކަން ސަރުކާރުން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. އެކަން އެގޮތަށް ކުރައްވަނީ މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގައި ސުޕާތަކުގައި ހަށި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެފަދަ ތަންތަން ބަންދުކުރުމަށް ގޮވާލާފައި ވާތީ ކަމަށް ސަރުކާރުން ބުންޏެވެ.