10:00


އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތޮފާ ލުތުފީގެ ގޭދޮށަށް ރޭ ވެސް ބަޔަކު އެއްވެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާކޮށްފި އެވެ.


މަތީ ސާނަވީގައި ދިވެއްސާއި އިސްލާމް އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް އެޑިޔުކޭޝަނުން ކުރަމުންދާ މަޝްވަރާއާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓަރ ދިރުއުޅުއްވާ މައްޗަންގޮޅީ ވިކްޓްރީ ކައިރިއަށް ރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެގޭ ކައިރިއަށް އެއްވި މީހުން ގޮވަމުން ދިޔައީ ދިވެއްސާއި އިސްލާމް އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ނުހެދުމަށާއި އިސްލާމް ދީންގެ ފޮހެލުމަށް މަސައްކަތް ނުކުރުމަށެވެ.


އެޑިއުކޭޝަން މިނިސްޓަރގެ ގޭދޮށަށް އެއްވެ މުޒާހަރާކޮށްފައި މިވަނީ އެޑިއުކޭޝަން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަދާމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.


އެޑިއުކޭޝަން މިނިސްޓަރގެ ގޭ ދޮށަށް އެއްވި މީހުން ރޭ ފުލުހުން ފޮނުވާލާފައި ވަނީ 11:30 ހާއިރެވެ.


ދިވެއްސާއި އިސްލާމް މަތީ ސާނަވީގައި އިޚްތިޔާރު ކުރަން ނިންމާފައިވާ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނަމުން އަންނަނީ އެ ދެ މާއްދާ އަދި އިޚްތިޔާރު ކުރަން ނިންމާފައި ނުވާ ކަމަށާއި އެކަން އަދި ކުރިއަށް ދަނީ ހަމައެކަނި ޕޮލިސީ ލެވެލްގައި ކަމަށެވެ.