11 Jun 2020, 16:17
ނައިޖީރިއާގެ އަވަށަކަށް ބޮކޯ ހަރަމްއިން ދިން ހަމަލާއެއްގައި 81 މީހަކު މަރުވެއްޖެއެވެ.
ނައިޖީރިއާގެ ބޯނިއާ ސްޓޭޓްގެ ސަރުކާރުން ބުނީ އެ ހަމަލާ ދީފައިވަނީ ޓޭންކްތަކާއި ޓްރަކްތަކުގައި އައިސް ބަޑިން ހަމަލާ ދީގެން ކަމަށެވެެ.
އެ ހާދިސާގައި ބޯނިއޯ ސްޓޭޓްގެ ފާޑޫމާ އަވަށުން ހަތް މީހަކު ވަނީ ރަހީނު ވެސްކޮށްފަ އެވެ.
އެ އަވަށުގެ މީހުން ބުނީ އިއްޔެ ހެނދުނު ބޮކޯ ހަރަމްގެ މީހުން އައިސް އެތައް ގަޑިއިރެއް ވަންދަން ބަޑި ޖަހަމުން ގެންދިޔަ ކަމަށެެވެ.
އެ ހާދިސާއިން ސަލާމަތްވި މީހަކު ފަޑޫމާ އަވަށުގެ މީހަކު ބުނީ ބޮކޯ ހަރަމްގެ މީހުން އެންމެ ފުރަތަމަ އައީ އިސްލާމް ޓީޗަރުން ކަމަށް ހެދިގެން ކަމަށާއި އަދި އިސްލާމީ ޚިތޯބެއް ދިން ކަމަށެެވެ. އަދި އަވަށުގެ މީހުންގެ އަތުގައި ބަޑި ފަދަ ތަކެތި ހަވާލުކުރަން އެދުމުން ބައެއް މީހުން ބަޑިތައް ހަވާލުކުރި ކަމަށެވެެ.
ނަމަވެސް އަންހެނުންނާއި ކުޑަކުދިންނަށް ބެލުމެއް ނެތި ކުއްލިއަކަށް އެމީހުން ބަޑިޖަހަން ފެށިކަމަސްވެސް ވަނީ ބުނެފައެވެ.
"އަހަރެމެން އެކަނި ވެސް 49 މީހަކު ވަޅުލިން. އަދި އެކި އާއިލާތަކުންވެސް ގެންދިޔަ 32 މީހެއްގެ ހަށިގަނޑު. އެމީހުން ދިޔައީ ހަތް މީހަކު ރަހީނުވެސްކޮށްގެން. އަދި ގެންދިޔަ 400 ގެރިވެސް،" ފަޑޫމާ އަވަށުގެ މީހާ ބުންޏެވެ.
ނައިޖީރިއާގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ ބޮކޯ ހަރަމްގެ ހަމަލާ އަމާޒުވި ސަރަހައްދަށް ސިފައިން މިހާރު ފޮނުވާފައިވާ ކަމަށެވެ.
ނައިޖީރިއާގައި ބޮކޯހަރަމްގެ ހަމަލާތައް އަމާޒުވަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެތައް މިލިއަން ބަޔަކު ވަނީ ގެދޮރުދޫކޮށްވެސް ގޮސްފައެވެ. -- ސީއެންއން--