ދުނިޔޭގެ މަޝްހޫރު މެރިއަމް ވެބްސްޓާ ޑިކްޝަނަރީން "ރޭސިޒަމް" ނުވަތަ ނަސްލީ ތަފާތުކުރުން މާނަކުރާ ގޮތަށް އުނިއިތުރެއް ގެންނަން ނިންމައިފި އެވެ.

ވެބްސްޓާއިން އުނިއިތުރެއް ގެންނަން ނިންމީ އެގޮތަށް ބަދަލުކުރަން އެފްރިކަން އެމެރިކަން މީހެއް ކަމަށްވާ ކެނެޑީ މިޗުމް ކުރި އީމެއިލްއަކާ ގުޅިގެންނެވެ.

ދާދި ފަހުން އެފްރިކަން އެމެރިކަން މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާލި ހާދިސާއާ ގުޅިގެން ނަސްލީ އިމްތިޔާޒްތަކާ ދެކޮޅަށް އެމެރިކާގެ އެތައް ބަޔަކު ވަނީ ނުކުމެ މުޒާހަރާކުރަން ވެސް ފަށައިފަ އެވެ.

އެމެރިކާގެ އައޯވާގެ ޑްރޭކް ޔުނިވާސިޓީން ދަސްވެނިވި މިޗުމް ވިދާޅުވީ ހުށަހަޅާފައިވަނީ ރޭޒިޒަމްގެ މާނައިގައި "ސިސްޓަމެޓިކް އޮޕްރެޝަން" ވެސް ހިމެނުމަށް ލަފާދީފަ އެވެ. ސިސްޓަމެޓިކް އޮޕްރެޝަންގައި އެކި އިންސްޓްޓިއުޝަންތައް، މިސާލަަކަށް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ފަދަ ދާއިރާތަކުގައި ވަކި ބަޔަަކަށް ފައިދާވާ ގޮތަށް އޮތުމެވެެ.

މިހާރު ވެބްސްޓާ ޑިކްޝަނަރީގައި ރޭސިޒަމްގެ ތިން މާނައެއް ހިމަނާފައިވެ އެވެެ. އޭގެ ތެރޭގައި ވަކި ނަސްލަކީ މާ މަތީބައެއް ކަމަށް ހުންނަ ވިސްނުމާއި ސިޔާސީ ގޮތުން ނުވަތަ އިޖުތިމާއި ގޮތުން ވަކި ނަސްލަކަށް ބާރުލިބޭ ގޮތަށް އޮންނަ އޮތުމާއި ވަކި ނަސްލަކަށް ތަފާތުކުރުން ހިމެނެ އެވެެ.

މިޗުމް ބުނީ ޑިކްޝަނަރީގައި މާނަކޮށްފައި އޮންނަ ގޮތުން "ރޭސިޒަމް"ގެ ހަގީގީ ފުރިހަމަ މާނަ ދޭހަނުވާކަން އެނގުނީ މީގެ ހަތަރު އަހަރު ކުރިން ކަމަށެވެެ.

"އަހަންނަށް އުނދަގޫކޮށް މީހުން މެސެޖުކޮށް ވެސް ކުރާނެ، އަހަންނަކަށް ނޭނގެއޭ ރޭސިޒަމްގެ މާނައެއް. ޔުނިވާސިޓީގައި ހޭ އަހަރެން ހަމަ މިއުޅެނީ ވެސް،" މިޗުމް ބުންޏެވެ.

މިޗުމް ވެބްސްޓާއަށް އީމެއިލް ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ އަނެއް ދުވަހު ވެބްސްޓާއަށް ވަނީ ޖަވާބު ވެސް ދީފަ އެވެެ.

ވެބްސްޓާގެ މެނޭޖާ ޕީޓާ ސޮކޮލޮސްކީ ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވީ ރޭސިޒަމްގެ މާނަ ދެން އަޕްޑޭޓްކުރާއިރު އޭގެ "ޑެފިނީޝަން"ގައި ހިމަނާނެ ބަޔާ ގުޅޭ ގޮތުން އެފްރިކަން އެމެރިކަންގެ އެކްސްޕާޓުންނާ ވެސް މަޝްވަރާކުރާނެ ކަމަށެެވެ.-- ބީބީސީ_--