11 Jun 2020, 10:11
އެއިންޓްރެކްޓް ފްރެންކްފާޓް ބަލިކޮށް ވިދިވިދިގެން ތިންވަނަ ފަހަރަށް ބަޔާން މިއުނިކް ޖަރުމަނުގެ ލީގު ކަޕް (ޑީއެފްބީ-ޕޯކަލް) ގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭ އެލިއަންޒް އެރީނާ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ފްރެންކްފާޓްގެ މައްޗަށް ހޯމް ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބަޔާން ޖަރުމަނު ކަޕުގެ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު އެ ޓީމާއި ފައިނަލުގައި ބައްދަލި ކުރާނީ ބަޔާ ލެވަކޫޒަންއާ އެވެ.
ފައިނަލުން ލެވަކޫސަން ޖާގަ ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ޖަރުމަންގެ ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެފްސީ ސާބްރުކަން އަތުން 3-0 ން މޮޅުވެގެންނެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން މެދުކެނޑުމަކަށްފަހު ޖަރުމަނުގެ ފުޓުބޯޅަ ފަށައިގެން ކުރިއަށްދާ އިރު، މެޗުތައް ކައިރި ކައިރީގައި ކުޅެން ޖެހުމުގެ ސަބަބުން ޓީމުތަކުގެ ވަރުބަލިކަން ވަނީ ކޮންމެސް ވަރަކަށް ފެންނަން ފަށައިފަ އެވެ. އެގޮތުން ރޭ ބަޔާން މިއުނިކާއި، ފްރެންކްފާޓް ބައްދަލު ކުރި މެޗުގައި އެކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

ބަޔާން މިއުނިކުގެ ފޯވާޑް ޕެރިސިޗް ފްރެންކްފާޓް ބަލިކުރުމަށްފަހު ސެލަބްރޭޓް ކުރުމުގެ ތެރޭގައި --- ފޮޓޯ:އޭޕީ
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު ފަށައިގެން 14 ވަނަ މިނަޓުގެ ތެރޭގައި ބަޔާނުން ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ގުޅުނު އީވާން ޕެރިސިޗް އެވެ.
ޕެރިސިޗްގެ ގޯލާ އެކު ބަޔާނުން އެ މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނެވެ. އެގޮތުން ފުރަތަމަ ހާފުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އިރު އެ ބޯޅަތައް ގޯލަށް ބަދަލު ކޮށްލުމުގައި ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ.
ލިބުނު ގިނަ ފުރުސަތުތައް ބޭނުން ނުހިފި ދިޔައިރު ދެވަނަ ހާފު ފަށައިގެން އިދިކޮޅު ޓީމުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން 69 ވަނަ މިނަޓުގައި ފްރެންކްފާޓުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އެއާއެކު ބަޔާނުން އަނެއްކާވެސް ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ލިބުނު ފުރުސަތުގެ ފައިދާ ނަގައި ލީޑު ނެގި އެވެ. އެ ގޯލު ޖަހައިދިނީ މި ސީޒަނުގައި މިހާތަނަށް 45 ގޯލު ޖެހި ލެވަންޑޮސްކީ އެވެ.
މި މޮޅާ އެކު މިއީ ބަޔާން މިއުނިކުން ވިދިވިދިގެން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.