11 Jun 2020, 01:16
ޖޫން މަހުގެ ރީޑިން ނަގަން ސްޓެލްކޯގެ ޓީމުތަކުން ގޭބިސީތަކަށް ދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ކޮވިޑް19އާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އާންމުންނާއި ސްޓެލްކޯ މުވައްޒަފުންގެ ސަލާމަތަށްޓަކައި މިދިޔަ ދެ މަހު ވެސް އެކުންފުނިން ބިލު ހަދާފައިވަނީ ވެބްޕޯޓަލް މެދުވެރިކޮށް، ކަސްޓަމަރުން ފޮނުވާ މީޓަރުގެ ފޮޓޯތަކަށް ބަލައިގެންނެވެ.
ނަމަވެސް މިކަމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެގޮތުން ގިނަ މީޓަރުތަކުގެ ފޮޓޯ ނުލިބޭ ކަމަށާއި އެފަދަ ގޭބިސީތަކުގެ ބިލުތައް ތައްޔާރުކުރީ އޭގެ ކުރީ މަސްތަކުގެ ކަރަންޓު ބޭނުންކުރާ މިންވަރުގެ އެވަރޭޖަށް ބަލައިގެން ކަމަށް އެކުންފުނިން ބުނެ އެވެ.
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން ލޮކްޑައުންއަށް ގެނެސްފައިވާ ލުޔާއެކު ބިލު ހަދާ ގޮތް އާންމު އުސޫލަށް ބަދަލުކުރަން ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ
އެގޮތުން މިހިނގާ ޖޫން މަހުގެ ބިލު ހެދުމަށްޓަކައި ކުރިއެކޭ ވެސް އެއްފަދައިން އަމަލުކުރަމުން އައިސްފައިވާ ގޮތަށް، މިއަދު (10 ޖޫން) އިން ފެށިގެން ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މިގޮތަށް ބަދަލު ގެނައި ނަމަވެސް މިހާލަތާ ގުޅިގެން ވަދެ ނިކުތުމުގައި ދަތި ތަންތަނުގެ ބިލުތައް ހަދާނީ ވެބްޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށެވެ. އަދި ފޮޓޯ ނުލިބޭ ތަންތަނުގެ ބިލު ހަދާނީ ކުރީ މަސްތަކުގައި ކަރަންޓު ބޭނުންކުރި މިންވަރުގެ އެވަރޭޖަށް ބަލައިގެންނެވެ.
ބިލު ހަދަމުންދާއިރު ފޮޓޯ ނުފޮނުވާ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ސްޓެލްކޯއިން އެކަން އަންގަމުންދާނެ އެވެ. އަދި ސްޓެލްކޯއިން ގޭބިސީތަކަށް ގޮސް ރީޑިން ނަގަން ފެށުމާއެކު މިހާރު އެވަރޭޖް ބިލު ފޮނުވާފައިވާ ގޭބިސީތަކުގެ ބިލަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.