11 Jun 2020, 00:37
ހއ. ބާރަށުގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ.
ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ މިރޭ "ސަން" އަށް ވިދާޅުވީ އިއްޔެ އެ ދެމަފިރިން ހއ. ދިއްދޫ ހޮސްޕިޓަލަށް ދިޔުމުން އެ ހޮސްޕިޓަލުން ސްކޭން ކުރެވޭނެ ގޮތް ނެތުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔުމަށް އެންގި ކަމަށެވެ.
އާސިފް ވިދާޅުވިގޮތުގައި އާސަންދަ ހަމަނުޖެހުމުން އެނބުރި ރަށަށް އައިސް ލޯންއްޗެއް ކުއްޔަށް ހިފައިގެން އެ ދެމަފިރިން ކުޅުދުއްފުއްޓަށް ދިޔައެވެ. ސްކޭން ހެދުމަށްފަހު އެ ހޮސްޕިޓަލުން ބުނީ ދަރިފުޅު ބަނޑަށް މަރުވެފައިވާ ކަމަށެވެ.
"އިއްޔެ ދިއްދުއަށް ދިޔައިމަ ބުނީ މިކޮޅުން ސްކޭނެއް ކުރެވޭކަށް ނެތޭ. ހާލަތު ވަރަށް ދަށޭ. ކުއްޖާގެ ވިންދުވެސް ދަށޭ. އެހެންވީމަ ކުޅުދުއްފުއްޓަށް ދާށޭ. އެކޮޅުން އެ އޭނަގެ ފިރިމީހާ މަސައްކަތްކޮށްގެން އާސަންދައެއް ހަމައެއް ނުޖެހުނު. ހަމަނުޖެހުނީމަ އައީ ރަށަށް. ރަށަށް އައިސް ލޯންޗެއް ހިފައިގެން ދިޔައީ ކުޅުދުއްފުއްޓަށް. މިއަދު ދިޔައިރު ކުޅުދުއްފުށިން މިބުނަނީ ދަރިފުޅު މިއޮތީ ބަނޑަށް މަރުވެފައޭ،" އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އެ ހާލަތުގައި އެމީހުން އަނބުރާ ރަށަށް ފޮނުވާލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެ އަންހެން މީހާގެ ބައްޕަ ހއ. ބާރަށް، މީނާޒް، ދޮންމަނިކު އަބްދުﷲ "ސަން" ކިޔައިދިން ގޮތުގައި ދަރިފުޅު ބަނޑަށް މަރުވިކަން އެންގުމުން އެޑްމިޓްވެގެން ތިބެވޭ ވަރުގެ ތަނަވަސްކަމެއް ނެތް ކަމަށް ބުނުމުން އަނބުރާ ރަށަށް ދިޔުމަށް އެ ހޮސްޕިޓަލުން އެންގިއެވެ.
"ދަރިފުޅުމެން ބުނީ ތިމަންނަމެން އަތުގަ ފައިސާއެއް ނެތޭ މިތާ [ކުޅުދުއްފުށީ ހޮސްޕިޓަލްގައި] އެޑްމިޓްވެގެން އޮންނާކަށް. ބުނީމަ ކިޔައިފި އެހެންވީމަ ދާށޭ. ރަށަށް ދާށޭ. ރަށަށް ގޮސްފަ ދިއްދުއަށް ދާށޭ. ދެން ރަށަށް އައިސް މިދިޔައީ ސިއްހީ މަރުކަޒަށް. ދެން އެތަނުން ބުނީ އަނެއްކާ ދިއްދުއަށް ދާށޭ،" ދޮންމަނިކު ކިޔައިދިނެވެ.
އަނބުރާ ދިއްދުއަށް ދާނެ ތަނަވަސްކަމެއް ނެތިގެން ދެން ކައުންސިލަރަކަށް ގުޅައި އާއިލާގެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށް ދޮންމަނިކު ބުންޏެވެ.
ބާރަށު ކައުންސިލްގެ ރައީސް އާސިފް ވިދާޅުވީ އާސަންދަ ހަމަނުޖެހުމުން އެ އަންހެން މީހާ އަނެއްކާ ދިއްދޫ ހޮސްޕިޓަލަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲގެ ޚަރަދުގައި ލޯންޗެއްގައި ކަމަށެވެ.
އަންހެން މީހާގެ ބައްޕަ ދޮންމަނިކު ބުނީ އޭނާގެ ދަރިފުޅު ޑޮކްޓަރަށް ނުދެއްކި ލަސްވީ ކޮވިޑް-19އާ ގުޅިގެން އެއްރަށުން އަނެއް ރަށަށް ދިޔުން މަނާކޮށްފައިވާތީ ހުރި ދަތިތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެދަތިތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ފަހުން ޑޮކްޓަރަށް ދައްކަން ދެވުމުން ދެން ކަންތައް ވެގެންދިޔައީ ވެގެންވާނެ ގޮތަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.
"އާސަންދައެއް، ސަރުކާރުގެ އެހީއެއް މިއިން ކަމެއް ނުލިބޭ އިނގޭތޯ. މިއީ ކުއްލިގޮތަކަށް ދިމާވި ކަމެއް ދެއްތޯ. އެހެންވީމަ އެހީ ލިބެންޖެހޭނެ ދެއްތޯ. ދެން އަނެއްކާ ދަރިފުޅު ބަނޑަށް މަރުވީމަ، އަތްމަތި ދަތިވިޔޭ ކިޔާފަ ފޮނުވާލާކަށް ނުވާނެ ދެއްތޯ. އާސަންދަ ހަމަޖެހި ވަގުތުން ފަރުވާ ދެވެންވާނެ ދެއްތޯ،" ދޮން މަނިކު ކިޔައިދިނެވެ.
މިކަމާ ގުޅޭގޮތުން ދިއްދޫ ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.