29 Dec 2011, 15:02
ވޯކްސް ކޯޕަރޭޝަނުގެ އެއްވަނަ ފަންގިފިލާގައި ހުންނަ، އެ ކޯޕަރޭޝަނުގެ ފައިނޭންސް ޑިޕާޓްމެންޓްގައި ހުރި ތިޖޫރީއެއް ފަޅާލައި ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު މިއަދު ވިދާޅުވީ ތިޖޫރީ ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުން ކަމަށާއި ތިޖޫރީން 106،000ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ ތިޖޫރި ފަޅާލާފައި ވަނީ ބެލްކަނިން ވަދެގެން ކަމަށް ލަފާ ކުރެވޭ ކަމަށާއި ފައިސާ ވަގަށް ނަގާފައި ވަނީ ތިޖޫރީ އަށް ގެއްލުންތަކެއް ދީގެން ކަމަށް ވެސް ޖާވިދު ވިދާޅުވި އެވެ.
"މިއަދު ހެދުނު އޮފީހަށް ނުކުތީމާ އެނގުނީ ތިޖޫރީ ފަޅާލައިފައި ހުރިކަން. ލަފާކުރެވެނީ ބެލްކަނިން ކަމަށް ވަގުން ވަދެފައި ވަނީ. ތިޖޫރީއަށް ވެސް ގެއްލުންތަކެއް ދީފައި ވަނީ،" ޖާވިދު ވިދާޅުވި އެވެ.
ފުލުސް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވޯކްސް ކޯޕަރޭޝަނުގެ ތިޖޫރީ ފަޅާލައި ފައިސާތަކެއް ވަގަށް ނެގި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް މައްސަލައާ ގުޅޭ އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯކްސް ކޯޕަރޭޝަނުގެ ތިޖޫރީ ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ އިރު، އާދީއްތަ ދުވަހު އޯކިޑް މަގުގައި ހުންނަ ދަމާސް ކުންފުނީގެ އޮފީހުގެ ދެ ތިޖޫރީ، ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާއާ އެކު ވަނީ ވަގަށް ގެންގޮސްފަ އެވެ.