11 Jun 2020, 10:50
ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވާލާއިރު އަމަލުކުރާނެ ބައެއް ގަވައިދުތައް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.
ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާ ގަވާއިދުތަކަކާއެކު ޖުލައި މަހު ޓޫރިޒަމަށް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ހިއްސާކުރި ވީޑިއޯއެއްގައި އެ ގަވާއިދުގައި ހިމެނޭ ބައެއް ކަންކަން ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން އަލުން ހުޅުވާލާއިރު ޓޫރިސްޓުން އިތުރު އެއްވެސް ޝަރުތަކާ ނުލައި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި ޓޫރިސްޓުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ހަމައެއާއެކު ޓޫރިސްޓުން އަތުން އިތުރު އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނަގާނެ ކަމަށާއި ކުރިއަށްވުރެ ރަނގަޅު ހޮލިޑޭ ޕެކޭޖުތައް ލިބޭނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލެއް "ސަން"އަށް ވިދާޅުވީ އާ ގަވާއިދު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"މި މަހުގެ 15 ނުވަތަ 15ވަނަ ދުވަހުގެ ކުރިން އާ ގަވާއިދު ފައިނަލްވާނެ. ވީޑިއޯގައި ހުރި ކަންކަމަކީ ގަވާއިދު ފައިނަލްވެގެން އަންނައިރު ބަދަލު ނުވާނެ ކަންތައްތައް." އޭނާ ވިދާޅުވި އެވެ.
ޖުލައި މަހު ޓޫރިޒަމް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެއީ ސީދާ ކޮން ތާރީހެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާޗް މަހުގެ ތެރޭގަ އެވެ.