10 Jun 2020, 22:07
ރާއްޖެއިން ކޮވިޑް ޖެހިގެން ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން އިތުރު 111 މީހަކު އެ ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިރޭ ހާމަ ކުރި ތަފާސްހިސާބުތަކުން ދައްކައިދޭ ގޮތުގައި ކޮވިޑް-19 އިން ރާއްޖޭގައި ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،121 އަށް އަރައިފައެވެ.
މިއަދު މި ބަލިން 111 މީހަކު ރަނގަޅުވުމާއެކު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 825 އެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 398 މީހަކު ތިބި އިރު އައިސޮލޭޝަންގައި 932 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް މި ބައްޔަށް 32،391 ސާމްޕަލް ވަނީ ނެގިފައެވެ. މީގެ ތެރޭގައި ތަކުރާރުވެފައިވާ ސާމްޕަލްވެސް ހިމެނެއެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދަކީ އަށެކެވެ. މީގެ ތެރޭގައި ހަތަރު ބަންގްލަދޭޝް ރައްޔިތުން އަދި އުމުރުން ދުވަސްވީ ހަތަރު ދިވެހިން ހިމެނެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާޗް 12 ވަނަ ދުވަހު އިއުލާންކުރި ގޮތަށް ރާއްޖެއިން ވަނީ މާޗް މަހުގެ ފަހުކޮޅު ބޯޑަރުތައްވެސް ބަންްދުކޮށްފައެވެ.
އެހެންނަމަވެސް އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ކޭސްއެއް ފެނުނު ފަހުން ރާއްޖޭގައި ބަލިފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިހާރު ކޮންމެވެސް ވަރަކަށް ކޭސްތައް މަދުވާން ފަށާފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގައި އޮތް ލޮކްޑައުންއައް ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.
އެގޮތުން ލުއިތަކުގެ ފުރަތަމަ ފޭސްގައި މިހާރު ރާއްޖެ އޮތް އިރު މާދަމާ ރޭ އިތުރު ލުއިތަކެއް އިއުލާންކުރެވިގެންދާނެކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ހާމަކޮށްފައެވެ. މިިޔަ އަށް ދުވަހުގެ ތެރޭގައި ރާއްޖެއިން އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް ފެނިފައިވަނީ ޕޮޒިޓިވް އަށް ކޭސްއެވެ.