10 Jun 2020, 22:03
ރާއްޖެއިން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން މިރޭ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތާއެކު ކުރި ޓްވީޓެއްގައި ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި ހަތަރު ބަންގްލަދޭޝް މީހުން ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،962 އަށް އަރާފައެެވެ.
މީގެ އިތުރުން، އިތުރު 111 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން މިރޭ ވަނީ ހާމަކޮށްފައެވެ. އެއާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ، 1،121 އެވެ.
މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 825 އެވެ.
މިއަދު 20 މީހުން ޕޮޒިޓިވްވިއިރު، އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 26 އެވެ. ދުވަހުން ދުވަހަށް ފެންނަ ކޭސްތައް މިހާރު ވަނީ ނިސްބަތުން މަދުވެފައެވެ.
ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ އަށް މީހުންނެވެ.
ފުރަބަންދަށް ސަރުކާރުން ވަނީ ފިޔަވަހިތަކަށް ބަހާލައިގެން ލުއި ދިނުމަށް ނިންމާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ 14 ދުވަސް މާދަމާއަށް ހަމަވާއިރު، ދެވަނަ ފިޔަވަހީގެ ލުއިތައް ހާމަ ކުރުމަށް އޮތީ މިރެއަށެވެ. ނަމަވެސް އެންއީއޯސީ އިން ވަނީ އަދިވެސް ބައެއް ކަންކަން ފައިނަލް ނުވާތީ ދެވަނަ ފިޔަވަހީގެ ލުއިތައް ހާމަ ކުރުން މާދަމާއަށް ފަސްކޮށްފައެވެ. އަދި މިރޭގެ ނޫސްވެރިންގެ ބައްދަލުވުންވެސް ވަނީ ކެންސަލްކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ނެގުނު ސާމްޕަލްތަކުގެ އަދަދަކީ، 32،391 އެވެ. އޭގެ ތެރެއިން ނެގަޓިވްވެފައި ވަނީ، 30،429 އެވެ.