ފުރަބަންދަށް ދެވަނަ ފިޔަހީގައި ދޭނެ ލުއިތައް އިއިލާން ކުރުމަށް ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިރޭ ނޯންނާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

ކުރިން ހަމަޖައްސާފައި ވަނީ މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުރަބަންދަށް ދޭނެ އިތުރު ލުއިތަކުގެ މައުލޫމާތު ހިއްސާ ކުރާ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ މިރޭ ބާއްވަން ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިރޭ "ސަން" އަށް ވިދާޅުވީ، މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ ބައެއް ކަންކަން ފައިނަލް ކުރަން ހުރުމުން ކަމަށެވެ.

"ލުއިތައް މާދަމާ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރާނެ. އަދިވެސް ބައެއް ކަންކަން ދަނީ ފައިނަލް ކުރެވެމުން،" މަބްރޫކު ވިދާޅުވިއެވެ.

ފުރަބަންދަށް ލުއިތައް ދެމުން އަންނަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަހީގެ 14 ދުވަސް މާދަމާއަށް ހަމަވާނެއެވެ.

ފުރަބަންދަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައި ކޮންމެ ގޭބީސީއަކަށް ތިން ޝޮޕިން ޕާމިޓް ދޭން ނިންމި އެވެ. އަދި ބޭރުގައި ދެ ގަޑިއިރު އުޅެވޭ ގޮތަށް ހެދި އެވެ. އޭގެ އިތުރުން، ވިޔަފާރި ކުރަން ވަކި ސަރަހައްދަކަށް އެކަނި ދެވޭހެން އޮތް އޮތުން އުވާލި އެވެ. އޭގެ އިތުރުން ކަސްރަތު ކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް ފަތިހުގެ ވަގުތު ނުކުތުމުގެ ހުއްދަ ދިނުމަށްވެސް ނިންމިއެވެ.

ދެވަނަ ފިޔަވަހީގައި މިއައަށް ވުރެ ބޮޑަށް ލުއިދޭނެ ކަމަށް ބެލެވެއެވެ.

ވޭތުވެދިޔަ ހަފްތާގައި ކޮވިޑް19ގެ ރާއްޖޭގެ ކޭސްތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އެވްރޭޖްކޮށް ވޭތުވެދިޔަ އަށް ދުވަހު ފެނިފައިވަނީ އަށް ކޭސްއެެވެ. އަށް ދުވަސް ތެރޭ އެންމެ ގިނަ އަަަދަކަަށް ކޭސްތައް ފެނިފައިވަނީ އިއްޔެ އެވެ. އެއީ 26 ކޭސް އެވެ. އެންމެ މަދު ކޭސްއެއް ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ ދެ ކޭސްއެވެ.

މިހާތަނަށް ރާއްޖެއިން 2،000 ގާތް ކުރާ އަދަކަށް ވައިރަސް މީހުންނަށް ޖެހުނު އިރު، ގިނަ މީހުން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ބަލި ޖެހިގެން މަރުވެފައި ވަނީ އަށް މީހުންނެވެ.