10 Jun 2020, 22:50
ވޮޝިންޓަން (10 ޖޫން 2020): އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދެ މިލިޔަނަށްވުރެ މައްޗަށް އަރައިފިއެވެ.
ޖޯން ހޮޕްކިންސް ޔުނިވާސިޓީން ނެރޭ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެމެރިކާގައި 2.05 މިލިޔަނަށް އަރާފައިވާއިރު އެ ބަލީގައި މިހާތަނަށްވަނީ އެއްލައްކަ ސާދަ ހާހަށްވުރެ ގިނަމީހުން މަރުވެފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމާބެހޭ އެމެރިކާގެ ފެޑްރަލް ޓާސްކްފޯސް ބުނާގޮތުން ފާއިތުވި ތިން ހަފްތާއިން ފެށިގެންވަނީ ކޮވިޑް-19 ޖެހިގެން މަރުވާމީހުންގެ އަދަދު ދަށަށްދާން ފަށާފައެވެ. އަދި މިދިޔަ ހޯމަ ދުވަހަކީ އެރޯގާގައި މިފަހަކަށް އައިސް އެމެރިކާއިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އެދުވަހު މަރުވެފައިވަނީ ގާތްގަނޑަކަށް 400 މީހުންނެވެ.
އެޕްރީލްމަހު ފަހުކޮޅާއި މޭ މަހުގެ ކުރީކޮޅު އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާމީހުންގެ އަދަދުއުޅުނީ ދުވާލަކަށް ދެހާހާ ތިންހާހާ ދެމެދުގައެވެ. ނަމަވެސް މޭމަހުގެ ފަހުކޮޅު އެއަދަދުވަނީ ދުވާލަކަށް އެއްހާހާއި ދެހާހާ ދެމެދަށް ދަށަށް ގޮސްފައެވެ. އަދި މިހާރު ކޮވިޑްގައި މަރުވާ އެމެރިކާ މީހުންގެ އަދަދުވަނީ ދުވާލަކަށް 400 އާއި 600 އާ ދެމެދުގައެވެ.
ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ އެމެރިކާ ރައްޔިތުންގެ އަދަދު ކުޑަކޮށްވެސް ދަށަށް ގޮސްފައެއް ނުވެއެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް 20 ހާހަށްވުރެ ގިނަމީހުން އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެއެވެ. މިދިޔަ އެޕްރީލްމަހުން ފެށިގެން އެމެރިކާގައި ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ދުވާލަކަށް 20 ހާހުން މަތީގައެވެ.
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދެ މިލިޔަނަށްވުރެ މައްޗަށް އެރިކަން ރެކޯޑްތަކުން ދެއްކިނަމަވެސް އެބަލި ޖެހިފައިވާ އެމެރިކާގެ މީހުންގެ ހަގީގީ އަދަދު މީގެ ފަސްގުނަ އިތުރުވާނެކަމަށް ސިއްހަތާބެހޭ މާހިރުން ލަފާކުރައްވައެވެ. ގިނަ ގައުމުތަކެކޭ އެއްގޮތަށް އެމެރިކާގައި ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަނީ އެރޯގާޖެހުނު ކަމަށް ޝައްކުވެ އަލާމާތްތައް ފެނިގެން ހޮސްޕިޓަލްތަކަށާއި ފްލޫ ކްލިނިކްތަކަށް ދާމީހުން އެކަންޏެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބުވި ނަމަވެސް އެމެރިކާ ސްޓޭޓްތަކުންވަނީ އެރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ. މިގޮތުން އޮފީސްތަކާއި ވިޔަފާރިތައް ހުޅުވައި މީހުން މަސައްކަތު ނުކުތުމުގެ ފުރުސަތު ދެމުން ގެންދާއިރު އެތެރޭގެ ދަތުރުފަތުރުތައް އަލުން ފަށައި ކެފޭ ރެސްޓޯރެންޓްތަކާއި އެނޫންވެސް ތަންތަން ހުޅުވުމުގެ ހުއްދަވަނީ (ނިއުނޯމަލް ޕްލޭނެއްގެ ދަށުން) ދޭންފަށާފައެވެ.
ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް 5 ޓްރިލިޔަން ޑޮލަރުގެ ގެއްލުމެއް މިއަހަރުގެ ނިޔަލަށް ލިބޭނެކަމަށް އިގްތިސާދީ މާހިރުންވަނީ އަންދާޒާ ކުރައްވާފައެވެ. މިއީ އެމެރިކާގެ ގައުމީ އާމްދަނީގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑު ގެއްލުމެކެވެ. މި ގެއްލުމުން ސަލާމަތް ވުމަށް އެމެރިކާ ގެ ސަރުކާރު ކުރިޔަށްވުރެ ބޮޑަށް ދަރަނިވެރިވާނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)