10 Jun 2020, 19:46
ޖިނާއީ ބޮޑެތި ކުށްތަކަށް ނުވާ މައްސަލަތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން އެގޮތަށް ކަނޑައެޅީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއާ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހެއްގެ ބަންދަށް ފުރަތަމަ 10 ދުވަސް ޖެހުމަށްފަހު ދެވަނަ ފަހަރަށް 15 ދުވަސް ޖެހި މައްސަލަ ހައި ކޯޓުގައި އިސްތުއުނާފް ކުރުމުން އެ މައްސަލަ ބެލުމަށްފަހު އިއްޔެ ކުރި ހުކުމްގައެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ޖިނާއީ ބޮޑު ކުށެއް ފިޔަވައި އެހެން ކުށްތަކުގައި ހައްޔަރު ކުރާ މީހުން 15 ދުވަސް ހަމަވުމުން އިތުރަށް ބަންދުގައި ބެހެއްޓުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު 'ދަންނަ ކަމެއް ނޫން' ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި ބުނަނީ، އެކަށީގެންވާ ހެކި ނެތް ނަމަވެސް 15 ދުވަހަށް ވުރެން އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ހެކި ހުންނަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
"ފަނޑިޔާރަށް ލިބިގެންވީ އިޚްތިޔާރީ ބާރުގެ ތެރެއިން ކޯޓުން ނެރުމަށް ނިންމަވާ އަމުރެއްގެ ދަށުން ބަންދުގައި މީހަކު ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަން އަދި ބުނެވުނު ހާލަތުގައިވާ މީހެއްގެ ބަންދަށް 15 ދުވަހަށް ވުރެ އިތުރު މުއްދަތެއް ކޯޓުން ދެވޭނެ ހަމައެކަނި ގޮތަކީ ބަންދުކުރެވިފައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށެއް ކަމުގައި ވުންކަން އެނގޭ،" އެ ހުކުމްގައި ބުނެފައިވެ އެވެ.
އެހެންކަމުން އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ދެން އެ މައްސަލަ ބެއްލެވި ބެންޗްގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.