މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި ދެ ފިލްމު ކަމަށްވާ "ގުޑް ނިއުޒް" އާއި "ޑްރީމް ގާލް" ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސިނަމާތަކުގައި ދެއްކުމަށް ނިންމައިފި އެވެ.

ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރާއި އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާއިރު، މި ފިލްމުގެ ދެވަނަ ލީޑު ތަރިންނަކީ ކިއާރާ އަދުވާނީ އާއި ދިލީތު ދޯސާންޖް އެވެ. ރާޖް މެހެތާ ޑައިރެކްޓްކޮށް އުފައްދާފައިވާ ގުޑް ނިއުސްގެ ވާހަކަ ބިނާކޮށްފައި ވަނީ އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަކުންވާ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ މައްޗަށެވެ.

ޔޫއޭއީގައި ކޮވިޑް19 ގެ ސަބަބުން އެގައުމުގެ ސިނަމާތައް ބަންދުކުރި ނަމަވެސް މިހާރު އެ ގައުމުގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާތީ އެ ގައުމުގެ ސިނަމާތައް އަލުން ހުޅުވާލަން ވަނީ ނިންމާފަ އެވެ. މި ފިލްމު މިއަދު ވަނީ ދައްކަން ނިންމާފަ އެވެ.

ކާމިޔާބު ފިލްމު ޑްރީމް ގާލްގެ ލީޑު ތަރިންނަކީ ކާމިޔާބު އެކްޓަރު އަޔޫޝްމަން ކުރާނާ އާއި ނުޝްރަތު ބަރޫޗާ އެވެ. ރާޖް ޝާންޑަލިޔާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ކޯލް ސެންޓަރަކުން ވަޒީފާ ހަމަޖެހުނު ފިރިހެން މީހެއް އަންހެން އަޑު ބޭނުންކޮށްގެން ކޯލްތައް ނަގަމުން ގޮސް ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.