ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތަކަކަށް ވެރިވުމަށް ކުރަމުންދާ މަސައްކަތް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އިޒްރޭލުގެ މި އަމަލުތަކާއި ދެކޮޅަށް ރާއްޖެިއން އަޑުފުލާފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިނިސްޓަރު ޝާހިދު ވަނީ އިޒްރޭލުގެ މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އިސްރާއީލުން ސިލްސިލާކޮށް ކުރަމުންދާ މި މަސައްކަތާއި ދިވެހިރާއްޖެއިން ދެކޮޅު ހަދާކަމަށް އަދި ހަރުކަށި އިބާރާތުން މިކަން ކުށްވެރިކުރާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި ގޮތުގައި އިޒްރޭލުގެ މިއަމަލުތަކަކީ ބައިނަލްއަޤްވާމީ ހަމަތަކާ ގާނޫންތަކާ ޚިލާފް އަމަލުތަކެކެވެ.

އަދި އިޒްރޭލުގެ މިފަދަ އަމަލުތައް ހުއްޓުވައި، ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ވެސް މިނިސްޓަރ ޝާހިދު ވަނީ މި ބައްދަލުވުމުގައި ގޮވާލައިފަ އެވެ.

މި މައްސަލައިގައި ރާއްޖެއިން ކުރިންވެސް ދެކޭ ގޮތްކަމުގައިވާ، 1967 ވަނަ އަހަރު އެކުލަވާލެވުނު ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އެދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހެދުން ކަން އަނެއްކާވެސް ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން ދެކޭ ގޮތް ތަކުރާރުކުރައްވާފަ އެވެ.

އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބެ، އިންސާފާއި ސުލްހައަށް މަސައްކަތްކުރުމަށް ވާހަކަފުޅު ނިންމަވާލަމުން މިނިސްޓަރު ވަނީ ގޮވާލައިފައެވެ.

ޖުމްލަ 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެމްބަރަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެވި ފަހުން ރާއްޖެއިން ގެންދަނީ މިމައްސަލައިގެ އިތުރުން އޯއައިސީގެ އެހެން މައްސަލަތަކުގައިވެސް ހަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުންނެވެ.