10 Jun 2020, 18:14
އިސްލާމްއާބާދު (ޖޫން 10): ޕާކިސްތާނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުގައި އަނެއްކާވެސް ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ލަފާ ދީފި އެވެ.
ޑަބްލިޔުއެޗްއޯގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ އެންމެ އިސް އޮފިޝަލު ޕަލިތާ މަހިޕަލާ ވިދާޅުވި ގޮތުގައި ފުރަބަންދުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެޖަމްއިއްޔާއިން ކަނޑައަޅާފައިވާ އެއްވެސް ޝަރުތެއް އެގައުމުގައި އަދި ފުރިހަމަ ނުވެ އެވެ.
ޕާކިސްތާނުން މީގެ ކުރިން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެކި ޕްރޮވިންސުތަކުގެ ހާލަތަށް ބަލައި، ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް އީދާ ދިމާކޮށް ގިނަ ފިޔަވަޅުތައް ލުއި ކުރި އެވެ. އެއާ އެކު އެގައުމުގައި ކޭސްތައް ވަރަށް ގިނަވި އެވެ. އަދި މީގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 1،700 ކޭސް ފެންނަމުން ދިޔަ ނަމަވެސް އިއްޔެ އެކަނިވެސް އެގައުމުން ވަނީ 5،385 ކޭސް ފެނިފަ އެވެ.
މީގެ އިތުރުން ފާއިތުވި ނުވަ ދުވަހުގެ ތެރެއިން ފަސް ދުވަހެއްގައި އެގައުމުން ރެކޯޑު އަދަދަކަށް މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ޑަބްލިޔުއެޗްއޯގެ ފަރާތުން މަހިޕަލާ ޕާކިސްތާނުގެ ޕްރޮވިންސުތަކަށް ފޮނުއްވި ސިޓީއެއްގައިވާ ގޮތުން އެގައުމުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހުންގެ ރޭޓު ވަރަށް މައްޗެވެ. އަދި އޭގެއިން ދައްކުވައި ދެނީ އެގައުމުން އެކަށީގެންވާ ވަރަށް ޓެސްޓު ނުކުރާ ކަމެވެ.
ޕާކިސްތާނުން އިއްޔެ ހަދާފައި ވަނީ ކޮރޯނާވައިރަސް ހުރިތޯ ބެލުމަށް 23،799 ޓެސްޓެވެ. އަދި ޑަބްލިޔުއެޗްއޯއިން ލަފާ ދެނީ އެގައުމުން ކޮންމެ ދުވަހަކު ހަދާ ޓެސްޓުތަކުގެ އަދަދު އޭގެ ދެގުނައަށް އިތުރު ކުރުމަށެވެ.
މީގެ އިތުރުން އެ ސިޓީގައި ވަނީ ޕާކިސްތާނުން ވައިރަހުގެ ކޭސްތައް ހޯދާ، ޓެސްޓުކޮށް، އެކަހެރިކޮށް، ފަރުވާދީ، ޓްރޭސް ކުރުމަށް ގެންގުޅޭ ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެގައުމުން ކޮވިޑް-19 ޖެހޭ މީހުންނަށް ހާއްސަ ކޮށްފައި ވަނީ 751 ވެންޓިލޭޓަރު ކަމަށާއި އެއީ ފުދޭ މިންވަރެއް ނޫން ކަމަށްވެސް ބުނެފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި ގޮތުގައި ފުރަަބަންދު ކުރުމުން ވައިރަސް ފެތުރުން ކުޑަ ކުރެވޭ ނަމަވެސް، އެގައުމަކީ ފަގީރު ގައުމެއް ކަމުން އެގައުމު ހުޅުވާލުން ނޫން އެހެން ގޮތެއް ނެތެވެ.
ޕާކިސްތާނުގައި މިހާތަނަށް 113،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އޭގެ ތެރެއިން 36,308 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި 2,255 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.