ރާއްޖޭގައި ހުރި ހުރިހާ ބުދެއް ނަގާނަމަ އައްޑޫ ސިޓީގައި ހުރި ބުދު ހިމެނޭ މޮނިއުމަންޓްތައް ނަގާނެ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީގައި ހުރި ސާކް ސަމިޓް މޮނިއުމަންޓްތައް ނެގުމުގެ ވާހަކަ ދައްކާނަމަ ރާއްޖޭގައި ހުރި ހުރިހާ ބުދެއް، ނެގުމުގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށާއި އެ ތަކެއްޗާއެކު އައްޑޫގައި ހުރި މޮނިއުމަންޓައްތައް ވެސް ނަގާނެ ކަމަށެވެ.

''އަޅުގަނޑުމެން މިތިބި ރާއްޖޭގައި ބުދު ސޫރަވާ އެއްޗެއްސާ ކުރެހުމާއި ފޮޓޯއާއި ނައްތާލަން އެންމެން ކުރާ މަސައްކަތުގަ ސަރުކާރަށް ވެސް އަދި އަދާލަތަށް ވެސް އެއްބާރުލުން ދޭން. އެކަން ކުރާށޭ އަޅުގަނޑުމެން ވެސް މި ދަންނަވަނީ،'' ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބުދުތައް ނަގާއިރު ދާރުލް އާސާރުގައި ހުރި ބުދުތަކާއި ފިހަރާތަކުގައި ބަހައްޓާފައި ހުރި ބުދުތައް ވެސް ނަގަންޖެހޭނެ ކަމަށެވެ.

''ސޫރަވާ އެއްޗެހި [ބުދު] ރާއްޖޭގަ ހުރީ [އައްޑޫގައި މޮނިއުމަންޓް] ބެހެއްޓި ހިސާބަކުންނެއް ނޫން. އޭގެ ކުރިން ވެސް އެބަހުރި. ކީއްވެތޯ އެވާހަކަ ނުދައްކަނީ؟ ކޮބައިތޯ ރާއްޖޭގެ އެހެން ތަންތަނުގަ ހުރި ބުއްދާތައް. އެ އެއްޗެހީގެ ވާހަކަ ކީއްވެތޯ ނުދައްކަނީ؟ އެއްޗެހި ނަގަން ކީއްވެތޯ ވަކާލަތު ނުކުރަނީ؟ ފިހާރަތަކުގަ ހުރި ބުދަތަކުގެ ވާހަކަ ކީއްވެތޯ ނުދައްކަނީ؟'' އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ދީނީ މައްސަލަ އަކަށް ހަދައިގެން ހަމަ އެކަނި އައްޑޫ ސިޓީގެ މޮނިއުމަންޓްތައް ނަގަން ގޮވާލާއިރު ރާއްޖޭގައި ހުރި ހުރިހާ ބުދެއް ނައްތާލުމުގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށާއި އައްޑޫ ސިޓީގެ މޮނިއުމަންޓައް ނަގަން ވާހަކަތައް ފަތުރަނީ އެ ސިޓީގެ ތަރައްގީއަށް ހުރަސް އަޅަން ކަމަށެވެ.

'' ހުރިހާ ކަމެއްގަ ވާންޖެހޭނީ އެއްގޮކަށް. ޤާނޫނުއަސާސީގަ ހަމަ ކަމުގެ ވާހަކަ ދައްކާއިރު ވަކި އަތޮޅެއް ވަކި ރަށެއް، ވަކި ފަރުދެއްގެ ވާހަކައެއް އެކަންޏެއް ނޫން ދައްކަނީ. އެހެންވީމަ އައްޑޫގެ ވާހަކަ އެކަނި ނުދައްކާ މުޅި ރާއްޖޭގަ ހުރި ސޫރަވާ އެއްޗެހީގެ ވާހަކަ ދައްކަމާ ހިނގާ. ވަކި ތަނެއްގަ ހުރި އެއްޗެހީގެ ވާހަކަ ދައްކާކަމުގައި ވާނަމަ އެއީ އެތަނަކަށް ވާންހުރި ކަންތައް ތަކެއް ގަސްތުގަ ހުއްޓުވަން މަސައްކަތް ކުރަނީ ނޫންތޯ؟'' އޭނާ ސުވާލު ކުރެއްވެވި އެވެ.

ރައްޔިތުން ބޭނުން ނުވާނަމަ އައްޑޫ ސިޓީގެ މޮނިއުމަންޓްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައވާއިރު ސޯބެ ވިދާޅުވީ މޮނިއުމަންޓްތަކާއި ދެކޮޅަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެފައިނުވާ ކަމަށެވެ.

''ރައްޔިތުންގެ ތެރެއިން ބަޔަކު ވީމަ ރައްޔިތުންގެ ތެރެއިން އެކަކު ވިޔަސް އެއީ ބަޔަކު، ދެން ސަރުކާރާއި މެދު ހިތްހަމަ ނުޖެހޭ ބަޔަކު ވެސް ތިބޭނެ. މީ ޑިމޮކްރަސީއެއް. ހިޔާލު ތަފާތުވާނެ. ވޯޓު ނުދޭ އެންމެން ހަމަ އިސްތުއުފާއޭ، ފައިބާށޭ ގޮވީމަ ދެން ސަރުކާރު އިސްތުއުފާ ދޭންޖެހޭނެ ތޯ؟"