10 Jun 2020, 17:52
ދިއްލީ (ޖޫން 10): އިންޑިއާގެ އައްސާމްގެ ތެޔޮ ވަޅެއްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވަން އުޅުމުގެ ތެރޭގައި ދެ ފަޔާފައިޓަރަކު މަރުވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އައްސާމްގެ ބަގުޖަންގައި ހުންނަ އެ ތެޔޮ ވަޅަކީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އޮއިލް އިންޑިއާ ލިމިޓެޑުން ބަލަހައްޓާ ތަނެކެވެ. އަދި ވަޅުގައި ރޯވީ އެތަނުން ގޭސް ލީކުވާތާ 13 ދުވަސް ފަހުން، އިއްޔެ އެތަނުގައި އެއްޗެއް ގޮވުމުން ކަމަށް ކުންފުނީގެ ތަރުޖަމާނު ޓްރިޑިވް ހަޒަރިކާ ވިދާޅުވި އެވެ.
އެ ގޮވުން ހިނގި ސަބަބެއް އޭނާ ހާމަ ނުކުރައްވަ އެވެ.
ހަޒަރިކާ ވިދާޅުވި ގޮތުގައި އެ އަލިފާންގަނޑު ނިއްވަން އުޅުނު ދެ ފަޔާފައިޓަރަކު އިއްޔެ ވަނީ ގެއްލިފަ އެވެ. އަދި އެ ދެ މީހުންގެ ހަށިގަނޑު މިއަދު ފެނުނީ އެތާ ކައިރީ އޮންނަ ފެންގަނޑަކުން ކަމަށާއި، މިހާރު ބެލެވޭ ގޮތުގައި އެމީހުން ފެތުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އަލިފާންގަނޑު ނިއްވުމުގައި އިންޑިއާގެ ވައިގެ ސިފައިން ދަނީ ބައިވެރިވަމުންނެވެ. އަދި ތެޔޮ ވަޅާ ކައިރީ ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގައި އަސްކަރިއްޔާއިން ދަނީ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއަށް އެހީވަމުންނެވެ. އެގޮތުން މިހާތަނަށް 6،000 ވަރަކަށް މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
ހަޒަރިކާ ވިދާޅުވި ގޮތުގައި ތެޔޮ ވަޅުން އަދިވެސް ގޭސް ލީކު ވަމުން ދާތީ އަލިފާންގަނޑު އަދިވެސް ދަނީ އަނދަމުންނެވެ. އަދި ސިންގަޕޫރުގެ މާހިރުން ހިމެނޭ 200 ވަރަކަށް މެމްބަރުންގެ ޓީމަކުން ދަނީ ހަތަރު ހަފްތާ ތެރޭ ގޭސް ލީކުވުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
އޮއިލް އިންޑިއާއިން ވަނީ އެ ހާދިސާގެ ސަބަބުން ގެއްލުން ލިބޭ ކޮންމެ އާއިލާއަކަށް 30،000 ރުޕީސް (397 ޑޮލަރު) ދޭނެ ކަން އިއުލާންކޮށްފަ އެވެ.