ފާއިތުވި ދުވަސްތަކުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހޯދާފައިވާ މައުލޫމާތުތަކުން ފާހަގަކުރެވޭތީ، އެ ކޮމިޝަނަށް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ބަހެއް ހޯދުމުގެ މަސައްކަތް މަޖިލީހުން ފަށައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސާވިސްއާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި، އެފަދަ އަމަލެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަހުގީގުކުރުމާއި، އެ އިދާރާތަކާ ގުޅޭގޮތުން އަމިއްލަ އިސްނެގުމަށް މައްސަލަތައް ބަލައި ތަހުގީގުކުރުމާއި، ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސާަވިސްއަށް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުންފަދަ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ.

އެހެންނަމަވެސް، ފާއިތުވި ދުވަސްތަކުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހޯދާފައިވާ މައުލޫމާތުތަކުން ފާހަގަކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިިވެއެވެ.

ކޮމިޓީއަށް ފާހަގަވި ކަންކަމާއެކު، އެ ކޮމިޝަނުގެ މެންބަރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ.

އަދި ގާނޫނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ވެސް ސަބް ކޮމިޓީން ވަނީ ފަށައިފައެވެ.

އަދި އެ މައްސަލަ ދިސާރާކުރަމުން ދިޔައިރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން، އެ ކޮމިޝަނަށް ހުށަހެޅި ބައެއް މައްސަލަތައް ނުވަތަ ޝަކުވާތައް އެ ކޮމިޝަނުން ބަލާފައިނުވާކަން ސަބް ކޮމިޓީއަށް ފާހަގަކުރެވުނު ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ގާނޫނު ތަންފީޒުކުރާ އިދާރާއަކާ ނުވަތަ އެ އިދާރާއެއްގެ މުވައްޒަފަކާ ގުޅޭގޮތުން އެ ކޮމިޝަނަށް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ބަހެއް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ސަބް ކޮމިޓީއިން ދެކޭތީ އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އެހެންކަމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ނުވަތަ ޝަކުވާއަކާ ގުޅޭގޮތުން ސަބް ކޮމިޓީއަށް މައުލޫމާތެއް ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ، 16 ޖޫން ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެ މައުލޫމާތެއް ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ.

އިއުލާނުގައި ބުނެފައި ވަނީ، މައުލޫމާތު ހުށަހަޅާއިރު، މައުލޫމާތު ހުށަހަޅާ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރަން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މައުލޫމާތު ހިއްސާކުރާނީ ލިޔުމުންނެވެ. އަދި އީމެއިލް ފޮނުވާނަމަ[email protected]އަށް މެއިލް ކުރަން އެދިފައިވެއެވެ.