ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދޭން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލު ކުރިމަތީގައި ތަރައްގީ ކުރި 300 އެނދުގެ ފެސިލިޓީ، "ކޮވިޑް ވިލެޖު" ގައި މިއަދާ ހަމަޔަށް ހަތް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެތަނުގެ ހިދުމަތް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް މިއަދު "ސަން"އަށް ވިދާޅުވީ، އާދީއްތަ ދުވަހުން ފެށިގެން ކޮވިޑް ވިލެޖުގައި މީހުން ބައިތިއްބަން ފަށާފައިވާއިރު ހަތް މީހަކު އެތަނުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.

"އެ އެންމެންގެ ހާލުވެސް ސްޓޭބުލް،" މަބްރޫކު ވިދާޅުވި އެވެ.

ކޮވިޑް ވިލެޖު ފެސިލިޓީއަކީ ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ފެސިލިޓީއެކެވެ. އެ ފެސިލިޓީއަށް ހަރަދު ކުރި 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ ކޮންސްޓްރަކްޝަނަށް ކުރާ ހަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް ހަރަދު ކުރި ފައިސާ އެވެ.

ކޮވިޑް ވިލެޖުގައި ފަސް ބުލޮކް ހިމެނެ އެވެ. އެގޮތުން ހަތަރު ބުރި ހިމެނޭ ބުލޮކް އޭ އިމާރާތް ތަރައްގީކޮށްފައިވަނީ 222 އެނދު ހިމެނޭ ގޮތަށެވެ. އަދި އެއްބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ބުލޮކް ބީ ގައި 68 އެނދު ހިމެނޭއިރު، ބުލޮކް ސީ ބިލްޑިން ތައްޔާރުކޮށްފައި ވަނީ ހެލްތު ކެއާ ވޯކާސްގެ އެކޮމޮޑޭޝަން އިމާރާތެއްގެ ގޮތުގައެވެ. އަދި ބުލޮކް ޑީ ސާވިސް ބިލްޑިންއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާއިރު މި ބިލްޑިންގައި ހިމެނެނީ ލޯންޑްރީއާއި އޮފީހާއި މީޓިން ރޫމެކެވެ. ކޮވިޑް ވިލެޖުގެ ފަސްވަނަ ބުލޮކް، ބުލޮކް އީ ގައި ހިމެނެނީ ހިނަވާ ގެޔަކާއި އޮޓޯކްލޭވް މެޝިނެވެ.

ކޮވިޑް ވިލެޖުގެ މަސައްކަތް ފެށީ އޭޕްރިލް އެއްވަނަ ދުވަހު އެވެ. އެތަނުގެ މަސައްކަތް ނިންމައި އައިޖީއެމްއެމްއާ ހަވާލު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެތަނުގެ މަސައްކަތް ރާވާ މެނޭޖްކުރުމުގައި އެމްއެންޑީއެފުން އިސްކޮށް މަސައްކަތް ކުރި ނަމަވެސް ފެނަކަ ކޯޕަރޭޝަން، ޕްލޭނިން މިނިސްޓްރީ، އަދި އަމިއްލަ ބައެއް ކުންފުނިތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ.

ކޮވިޑް ވިލެޖުގެ މަސައްކަތް ބާރަށް ކުރިއަށް ދަނިކޮށް، އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުނެވެ. އަދި ކޮވިޑް ވިލެޖު ބޮޑު ކްލަސްޓާއެއްގެ ގޮތުގައި ފާހަގަ ކުރެވުނެވެ. ނަމަވެސް، މުވައްޒަަފުން އެތަނުގައި ކަރަންޓީނުވެ ތިބެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސް ނިންމާލީ އެވެ.

މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއް ދިނީ ވެސް ކޮވިޑް ވިލެޖުގެ މަސައްކަތް ނިމުމުންނެވެ. އެއީ އެ ތަނުގެ މަސައްކަތް ނިމުމުން، ގިނަ ބަޔަކަށް އެއްފަހަރާ ބަލި ޖެހުނަސް ފަރުވާ ދެވޭނެ ވަރަށް އެނދުގެ ކެޕޭސިޓީ އިތުރުވުމުންނެވެ.