ޕެރޫ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހާވިޔޭ ޕޮލިނިޗް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް މިއަދު އަރުވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށް ފަހު، ޕެރޫގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި ޕެރޫ އާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހައްލެއް ހޯއްދެވުމަށާއި، މިކަން ބައިނަލްއަގުވާމީ ސަމާލުކަމަށް ގެންނެވުމަށް، ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ޕެރޫގެ ސަރުކާރުން ފާހަގަކުރައްވާ ކަމަށް ޕެރޫ ސަފީރު ވިދާޅުވި އެވެ. އަދި މިކަންކަމުގައި ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަފީރު ވާހަކަފުޅު ދެއްކެވި އެވެ.