10 Jun 2020, 13:16
ކޮލަމްބޯ (ޖޫން 10): ސްރީލަންކާގެ ކޮލަމްބޯ ނެޝަނަލް ހޮސްޕިޓަލުން އިއްޔެ 7.9 މިލިއަން ރުޕީސް (42,920 ޑޮލަރު) ފޭރިގަތް ޑޮކްޓަރަކު އެގައުމުން ހައްޔަރުކޮށްފި އެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު ޖަލިޔާ ސެނަރަތުނަ ވިދާޅުވި ގޮތުގައި އިއްޔެ އެ މީހާ ފައިސާ ފޭރިގަތީ ހޮސްޕިޓަލުގެ ފައިނޭންސް ޑިވިޝަނަށް ގޮސް، ފޭކު ފިސްތޯލައަކުން ބިރު ދައްކައިގެންނެވެ. އެ ވައްކަމަށް ފަހު އޭނާ އޮޓޯއަކަށް އަރައިގެން ފިލަން އުޅުމުން ހޮސްޕިޓަލުގައި ޑިއުޓީގައި ތިބި ދެ ފުލުހުން އޭނާ ފަހަތުން ގޮސް އޭނާ ހައްޔަރު ކުރި އެވެ. އަދި އެ ވަގުތު ހޮސްޕިޓަލުގައި ހުންނެވި ޗީފް އިންސްޕެކްޓަރަކު ވެސް އެ މީހާ ހައްޔަރު ކުރުމުގައި އެހީވި އެވެ.
އެ ހާދިސާއާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެނަރަތުނަ ވަނީ އެ މީހާ ވަގަށް ނެގި ހުރިހާ ފައިސާއެއް ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެ ފައިސާ އަކީ ހޮސްޕިޓަލުގެ މުވައްޒަފުން އިތުރު ވަގުތުގައި ކުރި މަސައްކަތަށް ދޭން ހާއްސަކޮށްފައިވާ ފައިސާ އެވެ.
ލަންކާގެ ނިއުސްވަޔާއިން ރިޕޯޓު ކުރި ގޮތުގައި އެ މީހާ ހައްޔަރު ކުރުމަށް ފަހު މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ތަހުގީގުން އެނގޭ ގޮތުގައި އެ މީހާ އަކީ 33 އަހަރުގެ ޑޮކްޓަރެކެވެ. އަދި އޭނާގެ ކުށުގެ ރެކޯޑެއް ނެތް ކަމަށާއި އޭނާއަކީ ކޮލަމްބޯ ނެޝަނަލް ހޮސްޕިޓަލުގެ ޕޯސްޓްގުރެޖުއޭޓް ސްޕެޝަލިސްޓް ޓްރެއިނީ ޕްރޮގްރާމްގެ މެމްބަރެއް ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ސެނަރަތުނަ ވިދާޅުވި ގޮތުގައި އެ މީހާ ވައްކަން ކުރި ސަބަބާއި އެ ވައްކަމުގައި އިތުރު ބަޔެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.