ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އިތުރު 118 މީހަކު އެނބުރި ގައުމަށް ފުރުވާލައިފި އެވެ

މި މީހުން ފުރުވާލާފައިވަނީ މިއަދު ޓްރެވިންޑްރަމް އަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

މިހާތަނަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން 2600 އަށްވުރެ ގިނަ މީހުން ވަނީ ގައުމަށް ފުރުވާލައިފަ އެވެ.

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ފުރުވާލުމަށް ހަތަރު ފަހަރެއްގެ މަތިން އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން އެއާ އިންޑިއާގެ ޗާޓަރު ބޯޓުތަކުގައިވެސް ބައެއް މީހުން ވަނީ ފުރުވާލައިފަ އެވެ.

ކުރިއަށް އޮތްތަނުގައި އެއާ އިންޑިއާ އިން ނިއުދިއްލީ އަދި ޓްރެވިންޑްރަމް އަށް ދަތުރުތައް ކުރާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޗާޓާޑް ދަތުރުތައްވެސް ބާއްވާނެ ކަމަށް ހައި ކޮމިޝަނުން ބުނެފައިވެ އެވެ.

"އުއްމީދަކީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން ވހާވެސް ގިނަ ބަޔަކަށް އެނބުރި އާއިލާތަކާއި ހަމައަށް ދެވެނެ ގޮތް ފަހިވުން. އަދި މި ހާލަތުން އަރައިގަނެވުމާއެކު އެނބުރި ރާއްޖެ އައިސް އެމީހުންގެ މަސައްކަތަށް އެނބުރި ދިޔުން،" އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މީގެ ކުރިން ވިދާޅުވި އެވެ.

ރާއްޖޭގައި އެކި މަސައްކަތްތަކުގައި 27،000 އެއްހައި އިންޑިއާ ރައްޔިތުން އުޅެ އެވެ.

ރާއްޖެއިން މިހާތަނަށް 1872 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 190 މީހުން ހިމެނެ އެވެ.