10 Jun 2020, 12:23
މާލޭ ސަރަހައްދުގެ ފުރަބަންދަށް މިހާރަށް ވުރެ އިތުރު ދޭނެ ލުއިތަކެއް މިރޭ އިއުލާނު ކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުއި ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ދެ ހަފްތާގެ އެ ފިޔަވަހި ހަމަ ވަނީ މިއަދު އެވެ.
ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ލޮކްޑައުންއަށް ގެނެވޭ ލުއިތައް މިރޭ ހެލްތު މިނިސްޓްރީއިން އިއުލާނު ކުރާނެ ކަމަށެވެ. އެއީ ދެވަނަ ފިޔަވަހީގެ ލުއިތަކެެވެ.
"އިރާދަކުރެއްވިއްޔާ މާދަމާ ރޭ ސާފުކޮށް ކުރިއަށް ހުރި މަރުހަލާތައް ހިނގާނެ ގޮތް ކިޔައިދިނުމަށ ްޓަކައި ހެލްތު މިނިސްޓްރީގެ ފަރާތުން ޕްލޭނިންގައި މަސައްކަތް ކުރާ ބޭފުޅުން ތިބޭފުޅުންނާ ބައްދަލުކުރައްވާ އެކަން ކޮށްދެވޭނެ،" މަބްރޫކު ރޭ ވިދާޅުވި އެވެ.
ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައި ކޮންމެ ގޭބީސީއަކަށް ތިން ޝޮޕިން ޕާމިޓް ދޭން ނިންމި އެވެ. އަދި ބޭރުގައި ދެ ގަޑިއިރު އުޅެވޭ ގޮތަށް ހެދި އެވެ. އޭގެ އިތުރުން، ވިޔަފާރި ކުރަން ވަކި ސަރަހައްދަކަށް އެކަނި ދެވޭހެން އޮތް އޮތުން އުވާލި އެވެ. ދެވަނަ ފިޔަވަހީގައި މިއައަށް ވުރެ ބޮޑަށް ލުއިދޭނެ އެވެ.
ފުރަތަމަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހުންނަށް ހެނދުނު އަށަކާ ހަމައަށް ބޭރަށް ދާންވެސް ހުއްދަ ދިނެވެ. ދެވަނަ ފިޔަވަހީގައި ކުޑަކުދިންނަށްވެސް ބޭރަށް ނުކުމެ އުޅެން ހުއްދަ ދެވިގެންދާނެ ކަމަށް މީގެ ކުރިން ހެލްތު މިނިސްޓްރީއިން ބުނެފައިވެ އެވެ.
މީގެ ކުރިން ހެލްތު މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ލޮކްޑައުންއަށް ލުއި ދޭނީ، ލުއިދޭ ފުރަތަމަ ފިޔަވަހީގައި ބަލި ޖެހޭ މީހުންގެ އަދަދަށް ބަލާފައި އެއާ އެކަށީގެންވާ ވަރަކަށެވެ.
މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ މަޑުމަޑުން ދަށަށް ދަމުންނެވެ.