އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އެކި ދުވަސް މަތީން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އުތުރު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުނދަގޫ ކުރާ މައްސަލައެއް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ އިތުރަށް ބެލި ބެލުމުން އެނގުނު ގޮތުގައި އެކުއްޖާ ވަނީ އެކި ފަހަރުގެ މަތީން ޖިންސީ ގޯނާގެ ޝިކާރައަށް ވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ދެ ފިރިހެނުން ހައްޔަރުކޮށްފައި ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ވެސް އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އުތުރުގެ ރަށެއްގައި ދާދި ފަހުން ވަނީ ގުރުއާން ކްލާސް ހިންގާ ޓީޗަރެއް، އެތަނުގެ ދަރިވަރުންތަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފަ އެވެ. އެ މައްސަލައާ ގުޅިގެން ދައުވާ ކުރެވޭ މީހާ ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ.