10 Jun 2020, 11:35
ކޮވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެލަވަންސް ދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމަށް 12.8 މިލިއަން ޑޮލަރު (197.38 މިލިއަން ރުފިޔާ) ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.
އެ ބޭންކުން މިއަދު ނެރުުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ހިންގާ "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮކްމާއަށް" އެހީވުމަށް ބޭނުންވާ ފައިސާ ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
އިނާޔާތް ދިނުމުގެ މި ޕްރޮގްރާމަށް ވޯލްޑް ބޭންކުން އެހީވުމުގެ މަގުސަދެއް ކަމަށް ބުނެފައި ވަނީ، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހަރުދަނާ ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކުރުމެވެ.
ވޯލްޑް ބޭންކުން ބުނީ އިންކަމް އެލަވަންސް ސަޕޯޓް ޕްރޮގްރާމަށް ދޭ 12.8 މިލިއަން ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އެ ސްކީމްގެ ދަށުން ދޭން ޖެހޭ ފައިސާގެ އިނާޔަތް ދިނުމަށް ކަމަށެވެ.
އެގޮތުން، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މާލީ އެހީ ސަރުކާރުން އަންނަނީ ދެމުންނެވެ.
މި ޕްރޮގްރާމްގެ ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ހަރަދުތައް ފޫބެއްދުމަށް އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވޯލްށް ބޭންކުން ބުންޏެވެ. އަދި ރާއްޖޭގައި، ވަކިން ހާއްސަކޮށް ތޮއް ޖެހިފައިވާ މާލެ ސިޓީގައި، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި ތިބުމަށް އެހީއަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
"މި މަޝްރޫއަކީ، އެންމެ ބޮޑަށް އެހީ އަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީ އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ. ހަމަ އެއާއެކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކާރިޡާއަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމް ހަރުދަނާ ކުރެވިގެންދާނެ،" ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.
އެ ބޭންކުން ބުނީ ރާއްޖެއަށް މިފަހަރު ދޭ ފައިސާގެ އެހީ އާމްދަނީ ދިނުމުގެ އިތުރަށް ދެން ބޭނުން ކުރާނީ، ކުއްލި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ހާއްސަ މުޅިން އާ އިންޝުއަރެންސް ޕްރޮގްރާމެއް ތައާރަފްކޮށް، އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތަށް ކަމަށެވެ.
މިކަމުގެ ސަބަބުން ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކުޑަކުރެވިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން، މި އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމަށް ކައުންސިލްތަކަށް އިތުރު މަސްއޫލިއްޔަތުތައް ހަވާލުކޮށް އިދާރީ ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
"ދަތި ދުވަސްތައް ކުރިމަތިވުމުން މީހުން ފަގީރުކަމަށް ހުށަހެޅިގެން ނުދާނެކަން ކަށަވަރުކުރުމަށް، ހުރިހާ ދިވެހިންނަށް ފައިދާކުރާ ރައްކާތެރިކަމުގެ ނިޒާމުތަކެއް ޤާއިމްވެފައި ހުރުމުގެ މުހިންމުކަން މިހާރު ކުރިމަތިވެފައި މިވާ ކާރިޡާ އިން ދައްކުވައިދީފި،" ސީނިއާ އިކޮނޮމިސްޓް އަދި މި މަޝްރޫއަށް ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރު ތޯމަސް ވޯކާ ވިދާޅުވި އެވެ. "މި މަޝްރޫއުގެ ދަށުން، އެހީތެރިކަމަށް ބޭނުންވާ ކޮންމެ ދިވެއްސަކަށް އޭގެ ފައިދާ ކުރާނެ ފަދަ ދެމެހެއްޓެނެވި އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކެއް އެކަށައެޅިގެންދާނެ."
ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ފޯރުކޮށްދީފަ އެވެ. އަދި މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާކޮށް ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލްކަން އިތުރު ކުުރުމަށް، 10 މިލިއަން ޑޮލަރުގެ މާލީ އެހީވެސް އެ ބޭންކުން ދީފައިވެ އެވެ.