29 Dec 2011, 13:49
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޔާމީންގެ ކާރުކޮޅުގައި ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ބައްދަލު ކުރެއްވި މައްސަލާގައި އެމްޑީޕީ އެކްޓިވިސްޓުން އިނާޒު "ހިސޯރު"ކުރި ފަހުން އޮފީހަށް ނުނިކުންނަވައި ހުންނެ ވުމަށް ފަހު، މިއަދު އިސްތިއުފާ ދެއްވައިފި ކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
ނަމަވެސް ރައީސް އޮފީހަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ "ރައީސް އޮފީހަށް އޭނާގެ ]އިނާޒުގެ[ ސިޓީއެއް ލިބިފައިވާ" ކަމަށާއި "ނަމަވެސް ރައީސް އަދި އެ ސިޓީ ނުބައްލަވާ" ކަމަށެވެ.
ޒުހައިރު ވިދާޅުވީ ރައީސް ސިޓީ ނުބައްލަވާތީ ސިޓީގައި ވަނީ ކޮން އެއްޗެއް ކަން އަދި ނޭނގޭ ކަމަށެވެ.
ފައިނޭންސް މިނިސްޓަރު އިނާޒުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަސީރު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމެއްގައި ހުންނެވުމަށް ފަހު މި އަހަރުގެ އެޕްރީލް މަހު ފައިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގަތް، ނަސީރު އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
ނަސީރުގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަސީރު އިސްތިއުފާ މި ދެއްވީ ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޔާމީންގެ ކާރުކޮޅުގައި ބައްދަލު ކުރެއްވި މައްސަލާގައި އިނާޒާ ދޭތެރޭ އެމްޑީޕީގެ އިސް އެކްޓިވިސްޓުން ވަރަށް އިހާނެތިކޮށް ހިތައި އެމްޑީޕީ ހަރުގޭގައި އިނާޒު "ހިސޯރުކޮށްގެން" ގެން ގުޅުނުތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.
ނަސީރު އިސްތިއުފާ ދެއްވި އިރު، ދައުލަތުގެ ފައިނޭޝަލް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި އަހުމަދު އަސްއަދު ވެސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.
ފައިނޭންސް މިނިސްޓަރު އިނާޒު "ހިސާރުކޮށް" އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ އިސް އެކްޓިވިސްޓުން، އިނާޒާ މުހާތަބުކުރީ އެއް އިންސާނަކު އަނެއް އިންސާނަކަށް މުހާތަބު ކުރާނެ އެންމެ ހަޑި ހުތުރު "ފުޅަ" ބަހުންނެވެ.
ފައިނޭންސް މިނިސްޓަރާއި ސްޓޭޓް މިނިސްޓަރު އިސްތިއުފާ ދެއްވި އިރު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ދަރަނި އިތުރުވާ މިންވަރު ބޮޑު ކަމަށް މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.
އަންނަ އަހަރަށް ސަރުކާރުން އަންދާޒާ 14 ބިލިއަން ރުފިޔާގެ ބަޖެޓްގެ 5.5 ބިލިއަން ރުފިޔާ އަކީ ދަރަންޏެވެ.