10 Jun 2020, 12:50
މުސްތަގުބަލަށް ފުޓްބޯޅަ ޓީމުތައް ބިނާކުރުމަށް "ޓުވާޑްސް ފިއުޗާ"ގެ ނަމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ ތިން އަހަރު ކުރިން ފެށި ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށާއި، އޭގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ޣަނީ (ސާންތި) ގެ ބެލުމުގެ ދަށުން ފެށި މި ޕްރޮޖެކްޓަކީ ރާއްޖޭގެ ފުޓުބޯޅަ ޑިވެލޮޕްމެންޓަށް އެޅިގެންދިޔަ ވަރުގަދަ ބިންގަލެކެވެ. އެ ޕްރޮޖެކްޓުގެ ދަށުން ގްރާސް ރޫޓުން ފެށިގެން އަންހެން އަދި ފިރިހެން ފުޓުބޯޅަ ޓީމުތަކަށް ތަމްރީންތައް ދޭން ފަށައި، ސަރަހައްދީ މުބާރާތްތަކުގައި ވެސް ރާއްޖޭގެ ޓީމުތައް ވާދަކުރަން ފަށާފައިވާ އިރު ވޭތުވެ ދިޔަ ދެ އަހަރެެއްގެ ތެރޭގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
އެފްއޭއެމް އިން ގެނެސްދެމުން އައި "ލެޓްސް ޓޯކް ފުޓްބޯލް" ގެ ވަދާއީ ޝޯގައި ވާހަކަ ދައްކަމުން އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އޭނާ މީގެ ހަތަރު އަހަރު ކުރިން އެފްއޭއެމްގެ ރައީސް ކަމާ ހަވާލުވުމަށްފަހު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކަނޑައެޅީ ފުޓުބޯޅައިގެ ޑިވެލޮޕްމެންޓަށް މަސައްކަތް ކުރުން ކަމަށެވެ.
އަދި އެ މަސައްކަތުގައި ކާމިޔާބު ހޯދިއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެފްއޭއެމްއިން ހިންގާ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓަކީ ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދިޔަ ވަރުގަދަ ބިންގަލެއް ކަމަށެވެ.
"މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޑިވެލޮޕްމެންޓަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެ. ޒުވާން ޖީލުތަކެއް ބިނާ ކުރަން މަސައްކަތްތަކެއް ފެށި، އޭގެ މޭވާ ވެސް ލޮލަށް ފެންނަ ހިސާބަށް ބައެއް ކަންކަމުގައި ދެވިއްޖެ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އެކަމަށް ބާރު ލިބޭ ހެކިތަކަކީ، 10 އަހަރު ދުވަހަށް ފަހު އަލުން އަނބުރާ ސާފް ޗެމްޕިއަންޝިޕުގެ ޝަރަފުވެރި ތަށި 23 އަހަރުން ދަށުގެ ޓީމެއް ގޮސް ކާމިޔާބު ކުރުމާއި، 19 އަހަރުން ދަށުގެ ޓީމް ގޮސް ސަރަހައްދީ މުބާރާތަކުން ލޯ މެޑަލް ހޯދުމުގެ އިތުރުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އަންހެން ޓީމަކުން ސަރަހައްދީ މުބާރާތެއްގައި ލޯ މެޑަލް ހޯދުން ކަމަށެވެ.
"މިއީ މި ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް މުޅިން އަލަށް ލިބުނު ކާމިޔާބީތަކެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މި ފެށުނު ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ބެނާގެ ދަށުން މި ފެށުނު މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެކޭ."
ބައްސާމް ވިދާޅުވީ ކުރިއަށް އޮތްތާ ވެސް މި ޕްރޮޖެކްޓަކީ ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓެއް ކަމަށެވެ. އެއީ އެފްއޭއެމްގެ ޓާގެޓަކީ މުސްތަގުބަލުގައި ކާމިޔާބީތަކެއް ހޯދާނެ ޓީމުތަކެއް ބިނާކުރުން ކަމަށާއި، އެގޮތުން ކޮންމެ އަހަރަކުވެސް މިކަމަށް ފޯކަސް ކޮށްގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
މީގެ އިތުރުން ފުޓުބޯޅައިގެ އިންފްރާސްޓްރަކްޗާ ވެސް ޑިވެލޮޕް ކުރުމަށް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރެވި، އަދި މިހާރުވެސް ކުރެވެމުންދާކަން ބައްސާމް ވަނީ ރޭގެ ޝޯގައި ފާހަގަކުރައްވާފަ އެވެ.
"ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފުޓުބޯޅައިގެ ވަރަށް ގިނަ އިންފްރާ ސްޓްރަކްޗާތައް ނުވަތަ ފުޓުބޯޅައިގެ ފެސިލިޓީތަކެއް ގާއިމް ކުރެވިގެންދާނެ. އެހެންވީމަ ޖުމުލަކޮށް ބަލާނަމަ އަޅުގަނޑުމެން މިދާން ބޭނުންވާ މިސްރާބަށް ދާން މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ."