10 Jun 2020, 01:27
ރާއްޖޭގައި ކޮވިޑް-19 ވައިރަސް ޖެހި މިވަގުތު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ މީހުންނަށްވުރެ އެ ބަލި ޖެހި ރަނގަޅުވި މީހުން އިތުރުވެއްޖެ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހި އެ ބަލިން މިއަދު އިތުރު 85 މީހަކު ރަނގަޅުވެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 1،010 އަށް އަރާފައެވެ. އެ ވައިރަސް އިން ރާއްޖެއަށް ޖުމްލަ ޕޮޒިޓިވް ވެފައިވަނީ 1،942 މީހުންނެވެ.
އެ ވައިރަސްގެ އެކްޓިވް ކޭސްތައް މިހާރު އުޅެނީ 922 ގައެވެ. އެހެންކަމުން ޕޮޒިޓިވް ކޭސްތަކަށްވުރެ މިހާރު ގިނައީ ބަލިން ރަނގަޅުވި މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު 922 އެކްޓިވް ކޭސް ހުރިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 939 މީހުން އެބަތިބި ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 523 މީހުން ތިބި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ މިހާތަނަށް އަށް މީހަކު މަރުވެފައެވެ.
މާލޭއިން ކޮމިއުނިޓީ ސްޕްރެޑެއް ފުރަތަމަ ފެނުމާއެކު ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މި ފަހަކަށް އައިސް ޕޮޒިޓިވްވަމުންދަ ކޭސްތަކުގެ އަދަދު ވަނީ ކުރިއާ އަޅާ ބަލާއިރު ދަށްވެފައެވެ.
ވައިރަސް އަށް ޕޮޒިޓިވް މަދު ކޭސްތަކެއް ފެނުމާ ގުޅިގެން މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ވަނީ ދާދިފަހުން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ.