10 Jun 2020, 00:02
ކޮވިޑް-19 އާ އެކު މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުޔެެއް ދިނުމާއެކު މާލެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑު އުޅޭ ގޮތް ބެލުމަށް އަންނަ ހަފްތާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
މާލެ ސިޓީއިން ކޮމިއުނިޓީ ސްޕްރެޑެއް ފެނުނު ފަހުން ސިޓީ އެއްކޮށް ފުރަބަންދަށް ގެނެސް އެންމެ ފަހުން ކޭސްތައް މަދުވާން ފެށުމުން ފުރަބަންދުގެ ލުޔެއް ދީފައިވަނީ ދާދި ފަހުންނެވެ.
އެކަމާ ގުޅޭގޮތުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް ހުރިތޯ ބެލުމަށް ހާއްސަ ސާމްޕަލް ތަކެއް ނަގާނެ ކަމަށެވެ.
"އެއީ ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑު ވާނެ ކަމަށް ނުވަތަ ނުރައްކާތެރިކަން އެންމެ ބޮޑު ވާނެ ކަމަށް ބެލެވޭ ފަސް ގްރޫޕެއްގެ މީހުންގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައި މިވަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ. އެއީ،
ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް
- ޖަލު ނުވަތަ ޑިޓެންޝަން ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް
- 65 އަހަރުން މަތީގެ މީހުން
- ތޮށްޖެހިފައިވާ ކަހަލަ ތަންތަނުގައި ދިރިއުޅޭ މީހުން
- އުމުރުން 20 އަހަރާއި 39 އަހަރުގެ މީހުން
ޑރ. އަފްޒަލް ވިދާޅުވީ އެ ހުރިހާ ތަފަތު ބައިތަކުގައި ހިމެނޭ ފަރާތްތަކުގެ ކްލަސްޓާޑް ސާމްޕްލިން ނުވަތަ ވަކި ވަކި ކްލަސްޓާ ހެދުމަށްފަހު އޭގެތެރެއިން ނަގާ ވަކި ކްލަސްޓާއަކުން ރެންޑަމް ސާމްޕަލް ނަގާނީ ކަމަށެވެ.
"އެކަމުގައި ތިޔަބޭފުޅުން [އާންމުން]ގެ ބޮޑު އެއްބާރުލުމެއް ބޭނުންވާނެ މިކަމަށް. އެއީ އީޒް އަށް ފަހު އެއް ފޭޒް އިން އަނެއް ފޭޒް އަށް ބަދަލު ވެވޭނީ މި ޓެސްޓްތަކުން ލިބޭ ނަތީޖާ ބެލުމަށްފަހު،" ޑރ. އަފްޒަލް ވިދާޅުވިއެވެ.