ސްރީލަންކާ އާއި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން އެނބުރި ދާން ބޭނުންވާ ދަރިވަރުންނަށް އެ ގައުމުތަކަށް ދެވޭނެ ގޮތް މަގުފަހިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ލަންކާ އާއި މެލޭޝިއާގެ ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ހުޅުވަން ތައްޔާރުވަމުންދާއިރު އެ ގައުމުތަކުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުން އަނބުރާ ދިޔުމުގެ އެއްވެސް އުސޫލެއް އެ ގައުމުތަކުން އަދި އެކުލަވާލާފައި ނުވާ ކަމަށެވެ.

ދިވެހި ދަރިވަރުންގެ ތެރެއިން ކޮވިޑް19 ގެ ސަބަބުން ރާއްޖެ އައިސްފައިވާ ދަރިވަރުން ކިޔެވުން ފެށެންވާއިރަށް އެނބުރި ލަންކާ އަދި މެލޭޝިއާއަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް އެ ގައުމުތަކުގެ ސަރުކާރާ ގުޅިގެން ފޮރިން މިނިސްޓްރީ އިން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ.

މީގެ ކުރިން ލަންކާ އާއި މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް ވަނީ ފްލައިޓުތަކެއް ބާއްވައިފައެވެ. ލަންކާ އާއި މެލޭޝިއާގައި ތިބި މީހުންނަށް އިތުރު ފްލައިޓުތަކެއް ބާއްވަން ރާވާފައިވާއިރު އެ ދެގައުމުގައި ކޮވިޑް ކޮންޓްރޯލުކޮށް މިހާރު ވަނީ ލޮކްޑައުން ލުއިކުރަން ފަށައިފައެވެ.