މާދަމާ ހެނދުނު ސްރީލަންކާ އިން ރާއްޖެ އަންނަ 262 މީހުންގެ ތެރެއިން 153 މީހަކު ރާއްޖެ އައިސް ދާނީ ހޯމް ކަރަންޓީނަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި މާދަމާ ރާއްޖެ އަންނަ މީހުންގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި، ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް ނާދެވި ތިބި މީހުންނާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި، ރާއްޖެ އަށް އަނބުރާ ނާދެވި ތިބި މީހުންގެ އިތުރުން ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ މީހުން އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުންނަށެވެ.

އެންއީއޯސީ އިން ބުނީ މި ފްލައިޓުން ރާއްޖެ އަންނަ މީހުންނަށް ކަރަންޓީނު ފުރިހަމަ ކުރުމާ ގުޅޭ ފޯމެއް އެޗްޕީއޭ އިން ފޮނުވާފައިވާ ކަމަށާއި ނަމަވެސް ގިނަ ބަޔަކު އެ ފޯމު ފުރާފައި ނުވާ ކަމަށެވެ.

މާދަމާ ހެނދުުނު 8:25 ގައި އަންނަ މީހުންގެ ތެރޭގައި 13 އަތޮޅެއްގައި ކަރަންޓީނު ވާން އެދޭ މީހުން ހިމެނޭ ކަމަށާއި އެމީހުންގެ ޓްރާންސްފާގެ ކަންތައް އެމްއެންޑީއެފް އިން ހަމަޖައްސާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ. އަދި ކަރަންޓީނު ފުރިހަމަ ކުރާނެ ގޮތެއް ބަޔާން ނުކުރާ މީހުންގެ ކަރަންޓީނާ މެދު ގޮތެއް ނިންމުމަށް ވަގުތު ނަގާނެކަން އެ ސެންޓަރުން ފާހަގަ ކުރިއެވެ. އަދި ކަރަންޓީނު ފުރިހަމަ ކުރާނެ ގޮތެއް ސާފު ކޮށް ބަޔާން ނުކުރާ މީހުންވެސް ތިބި ކަމަށް އެންއީއޯސީ އިން ބުންްޏެވެ.

ހޯމް ކަރަންޓީނަށް ތަނެއް ހަމަނުޖެއްސޭ މީހުންގެ ކަރަންޓީނުގެ ކަންތައް ކަމަ ބެހޭ ފަރާތްތަކުން ހަމަޖައްސާނެއެވެ.

ބޭރުގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިން ކަރަންޓީނާ ގުޅޭ ފޯމު ފުރިހަމަ ކުރުމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިރޭ އިލްތިމާސް ކުރެއްވިއެވެ.

މާދަމާ ސްރީލަންކަންގެ ފްލައިޓެއްގައި 262 މީހަކު ރާއްޖެ އަންނަ އިރު، މާދަމާ ހެނދުނު ފްލައިޓެއްގައި 283 ލަންކާ މީހުން އަދި ރޭގަނޑު 15 މީހަކު އެނބުރި އެ ގައުމަށް ފުރާނެއެވެ.

ސްރީލަންކާ އާއި މެލޭޝިއާ ގައި ކޮވިޑް ކޮންޓްރޯލުވެ، އެ ދެ ގައުމުގެ ސްކޫލުތަކާއި ކޮލެޖުތަކުގެ ކިޔެވުން ފެށުމަށް ތައްޔާރުވާއިރު އެގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މިހާރު ރާއްޖޭގައި ތިބި ދަރިވަރުން އެނބުރި ލަންކާ އާއި މެލޭޝިއާ އަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމުގައި ފޮރިން މިނިސްޓްރީ އިން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ.

އަދި އެ ދެ ކގައުމުގެ ޕޮލިސީ އޮތްްގޮތުން ގައުމުން ބޭރުގައި ތިބި ފޮރިން ދަރިވަރުން އަނބުރައި ދިޔުމަށް ހުއްދަ ދޭގޮތަކަށް ނެތެވެ.