ރާއްޖެއިން ކޮވިޑް-19 ޖެހި އެ ބަލިން މިއަދު އިތުރު 85 މީހަކު ރަނގަޅުވެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 1،000 އިން މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފައިވަނީ މިއަދު އިރު އޮއްސި 18:00 އާ ހަމައަށް ވައިރަސް އިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1،010 އަށް އަރާފައި ކަމަށެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭގައި ބުނިގޮތުގައި އިއްޔެގެ އިރުއޮއްސި 18:00 އާ ހަމައަށް ވައިރަސް އިން ރަނގަޅުވެފައިވާ ޖުމްލަ މީހުންގެ އަދަދަކީ 925 އެވެ. އެގޮތުން އިއްޔެ ވައިރަސް އިން ރަނގަޅުވެފައިވަނީ 98 މީހުންނެވެ.

ރާއްޖެއިން ކޮވިޑް އަށް މިއަދު ވަނީ 26 މީހަކު ޕޮޒިޓިވް ވެފައެވެ. އެއާއެކު ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،942 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު 922 އެކްޓިވް ކޭސް ހުރިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 939 މީހުން އެބަތިބި ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 523 މީހުން ތިބި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ މިހާތަނަށް އަށް މީހަކު މަރުވެފައެވެ.