ދައުރު ހަމަވި ނަމަވެސް، މިހާރު ކައުންސިލަރުންގެ ގޮތުގައި ތިބި އެމްޑީޕީގެ ކައުންސިލަރުން މަގާމުން އިސްތިއުފާ ނުނިދުމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިރޭ އެމްޑީޕީގެ ޒުވާނުންގެ ގޮފިން ބޭއްވި ވާޗުއަލް ޓައުން ހޯލް ބައްދަލުވުމުގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުރުގެ މަސައްކަތް ނިމުމުން، މަގާމުގައި އަލުން ނުތިބުމަށް ބޭނުން ނުވާތީ އިންތިހާބުގައި ވާދަ ނުކުރަން ނިންމި ކައުންސިލަރުންވެސް އެބަތިބި ކަމަށެވެ. އަދި ބައެއް ކައުންސިލަރުން މަގާމުން އިސްތިއުފާ ދެމުންދާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް19 އާއި ގުޅިގެން އިންތިހާބު ފަސްކޮށް، މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު މިހާރު ތިބި ކައުންސިލަރުން ވަނީ އިންތިގާލީ ކައުންސިލަރުންނަށް ވެފައެވެ.

"އަޅުގަނޑު އެދެނީ މިއީ ގައުމީ ކަމެއްކަމުގައި ބަލައިގެން އަދި ޕާޓީއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ބަލައިގެން ކައުންސިލަރުން މަގާމުން އިސްތިއުފާނުދެއްވާ މަގާމުގައި ދެމި ތިއްބެވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ރައްކާތެރި މާހައުލެއް ގާއިމުކުރެވި، އާ ކައުންސިލްތައްް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރި ދެ އަކުރު:

- ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ): މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.

- ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ ދަށްވާވަރަކަށް ކައުންސިލްތަކަށް ލިބޭ އާމްދަނީ ވެސް ދަށަށް ދާނެ ކަމަށައި ނަމަވެސް މިއީ ކައުންސިލްތަކުން މަސައްކަތް ކޮށްގެން އާމްދަނީ އިތުރު ކުރަންވީ ވަގުތު ކަމަށެވެ. ކައުންސިލްތަކުން މަސައްކަތް ކޮށްފި ނަމަ އެކަން ނުވެ ނުވާނެ ސަބަބެއް ނެތްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.