އުތުރުގެ ރަށެއްގައި ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ގުރުއާން ކްލާސް ހިންގާ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އުތުރު ފޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ގުރުއާން ކްލާހެއް ހިންގާ ދިވެހި ފިރިހެނެއް، 18 އަހަރު ނުވާ އޭނާގެ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެކަމާ ގުޅިގެން ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނި މައްސަލައެއް ހުށަހަޅާފައިވަނީ 28 އަހަރުގެ ފިރިހެނެކާ ދެކޮޅަށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައި ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.