މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ތިން ވަނަ މީހާ ކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގޭ ޝަފާޒް އަބްދުއް ރައްޒާގުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ފަށައިފި އެވެ.

ޝަފާޒްގެ މައްޗަށް ކޮށްފައިވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓި ކަމުގެ ދައުވާ އާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމުގެ ކުށުގެ ދައުވާ އެވެ. މި ޝަރީއަތް މިއަދު ފެށި އިރު އޭނާގެ މައްޗަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާއެއް ވެސް ވަނީ އުފުލާފަ އެވެ.

ޝަފާޒްގެ އިތުރުން މި ދައުވާ އިތުރު ތިން މީހެއްގެ މައްޗަށް ވެސް ކުރެއެވެ. އެއީ ތ. ތިމަރަފުށީ، ކަރަންކާވިލާ، އިސްމާއިލް ޝަހީމް އާއި ހ. ގަސްވާ މުހައްމަދު މީއާދު އާއި، ގދ. ފިޔޯރީ، އެވަރެސްޓް، އަނަސް އަނީސް އެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުވާ ހުށަހެޅުމުން ޝަފާޒް އާއި ޝަހީމާއި އަނީސް ބުނީ ދައުވާ ސާފު ވެއްޖެ ކަމަށާއި ދައުވާއަށް އިންކާރު ކުރާކަމަށެވެ. މީއާދު ބުނީ ދައުވާ އަށް ޖަވާބުދާރީ ވުމަށް ވަގުތު ބޭނުންވާ ކަމަށާއި ވަކީލަކު ބޭނުން ނުވާކަމަށެވެ. ދައުވާއަށް އިންކާރު ކުރަންތޯ ގާޒީ އެއްސެވުމުން ވެސް މީއާދު ބުނީ ދައުވާއަށް ޖަވާބުދާރީ ވާނީ ތައްޔާރު ވުމަށް ފަހު ކަމަށެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޖޫން 23 ،2011 ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ޝަފާޒް ދިރިއުޅޭ ގޭގެ ފަސް ވަނަ ބުރީގެ ކޮޓަރިއަށް ވަން އިރު އެ ގޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

ވަކީލު ވިދާޅުވީ މިއާދު އެ ކޮޓަރި ތެރޭގައި ހުރެފައި މަސްތުވާތަކެތީގެ ޕެކެޓްތަކެއް ކުޑަދޮރުން އެހެން ގެއަކާ ދިމާލަށް އެއްލާލާފައިވާ ކަމަށާއި ކޮޓަރީގެ ތެރެއިން ވެސް މަސްތުވާތަކެތީގެ 18 ބްލެޓް ފެނިފައިވާ ކަމަށެވެ.

ކޮޓަރީގެ އެނދު މަތިން މަސްތުވާތަކެތީގެ 211 ޕެކެޓާއި މޭޒުމަތިން ބްލެޓް ސައިޒްގެ 93 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި މޭޒުމަތިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނުނުއިރު ކޮޓަރީގެ ޓައިލްސް މަތިން ވެސް މަސްތުވާތަކެތީގެ ޕެކެޓްތަކެއް ފެނުނު ކަމަށް ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ފެނުނު އަންގި އާއި އަޅިކެނޑިން ޝަފާޒްގެ ޑީއެންއޭއާ ދިމާވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދައުވާ އަށް ޖަވާބުދާރީ ވަމުން ޝަފާޒްގެ ވަކީލު ވަނީ ޝަފާޒްގެ މައްޗަށް ދައުވާ ކުރެވެނީ ކީއްވެގެންތޯ ދައުލަތާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ޝަފާޒްގެ މައްޗަށް ދައުވާ ކުރީ އެތަކެތި ފެނުނީ ޝަފާޒު ދިރިއުޅޭ އެޕާޓްމަންޓުން ކަމަށްވާތީ ކަމަށެވެ. އަދި ވިދާޅުވީ އެ ތަކެއްޗާއި ޝަފާޒާއި ގުޅުން ހުރި މިންވަރާއި އެތަކެތި އަތުލައިގަތް އިރު ދައުވާލިބޭ މީހުން އެތާގައި އުޅުނުކަން ދައުލަތުން ޝަރީއަތަށް ސާބިތުކޮށްދޭނެ ކަމަށެވެ. ޖިސްމާނީ ގޮތުން ޝަފާޒާއި އެ ކަމާއި ހުރި ގުޅުން ވެސް ދައުލަތުން ޝަރީއަތަށް ސާބިތުކޮށް ދޭނެކަމަށް ވެސް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި އިރު އެތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި، އެތަކެތީގެ ޑީއެންއޭ ރިޕޯޓް ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ސާބިތު ކޮށްދިނުމަށްޓަކައި އިތުރު ހެކިތައް ހުށަހަޅާނެ ކަމަށް ދައުލަތުން މިއަދު ބުންޏެވެ.
މަސްތުވާތަކެތީގެ ބޮޑުންގެ ތެރޭގައި ހިމެނޭކަމަށް ކަމަށް ފުލުހުން ބުނެފައިވާ ހ. ރީދޫގޭ، އާދަމް ނަސީރު އަބޫބަކުރު އާއި ހ. ރެހި، ހުސެއިން މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ވަނީ ސާބިތު ނުވެފައެވެ. އެ ދައުވާ ސާބިތު ނުވުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.