ޖަކާޓާ (9 ޖޫން 2020) : ކޮވިޑް-19 އާ ގުޅިގެން ހުއްޓާލާފައިޥާ އިންޑޮނީޝިއާގެ އެތެރޭގެ ވައިގެ ދަތުރުތައް އަލުން ފަށައިފި އެވެ.

އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ބުދީ ކާރިއާ ސުމާދީ ވިދާޅުވީ އެތެރޭގެ ވައިގެ ދަތުރުތައް އަލުންފެށީ ނިއުނޯމަލްގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި ދަތުރުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ގައިދުރުކަން ބަހައްޓައި މާސްކް އަޅަންޖެހޭނެ ކަމަށާއި ކޮންމެ ފަސިންޖަރެއްގެ އަތުގައި ވެސް ސެނެޓައިޒާ ފުޅިއެއް އޮންނަން ޖެހޭނެކަމުގަ އެވެ. އަދި ފަސިންޖަރުން ޓާމިނަލް އަށް ވައްދާއިރުގައާއި ބޯޓަށް އަރާއިރުގައާއި ފައިބާއިރުވެސް ހުންބެލުމަށް ކުރަން ޖެހޭ ކަންކަން ކުރާނެއެވެ.

މީގެ އިތުރުން ފަސިންޖަރެއްގެ ގޮތުގައި އެއާޕޯޓްގެ ޓާމިނަލް އަށް ވަދެވޭނީ ކޮވިޑް-19 ޖެހިފައިނުވާ ކަމުގެ ލިޔުން ލިބިފައިވާ މީހުންނަށް އެކަނިކަމަށް ވެސް ސުމާދީ ވިދާޅުވި އެވެ. ދަތުރުކުރަން ބޭނުންވާ މީހުން އަމިއްލައަށް އެދިގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު އޭގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ މިސެޓްފިކެޓް އޮންލައިންކޮށް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑޮނީޝިއާ އިން އެތެރޭގެ ވައިގެ ދަތުރުތައް މިފެށީ އެގައުމުގެ މަތިންދާ ބޯޓުތަކުގައާއި އެއާޕޯޓްތަކާއި ޓާމިނަލްތަކުގައި އަޅަން ޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުމަށްފަހުގަ އެވެ. މިގޮތުން މަތިންދާބޯޓަށް ފަސިންޖަރުން އަރުވާނީ ބޯޓުގެ ސީޓުތަކުގެ 70 ޕަސެންޓް ގޮނޑިތަކަށެވެ. އަނެއް 30 ޕަސެންޓް ބަހައްޓަނީ ހުސްކޮށެވެ. އެއީ ފަސިންޖަރުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމުގެ ގޮތުންނެވެ.

އެތެރޭގެ ވައިގެ ދަތުރުތައް ފެށި ނަމަވެސް އިންޑޮނީޝިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ. އިންޑޮނީޝިއާގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރެމުން ދެ އެވެ. ނަމަވެސް ގިނައީ އެވައިރަސްގެ ކޭސްތައް މަދު ސަރަހައްދުތަކެވެ. މިއަދު ވެސް އިންޑޮނީޝިއާގައި 1034 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.

މިހާތަނަށް 33076 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 1923 މީހުން އެރޯގާގައި މަރުވެފައިވެ އެވެ. އިންޑޮނީޝިއާގައި ކޮވިޑް-19 ކޮންޓްރޯލް ނުވިނަމަވެސް އެގައުމުންވަނީ އެ ރޯގާއާ ދެކޮޅަށް އަޅާފައިޥާ ފުރަބަންދުގެ ފިޔަވަޅުތަކަށާއި އިގްތިސާދީ އަދި އިޖްތިމާޢީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމުގެ ފިޔަވަޅުތަކަށް ދޫދިނުމުގެ ޕްލޭނެއް މިދިޔަ ހަފްތާގައި އިޢުލާނުކޮށްފަ އެވެ.

ވެރިރަށް ޖަކާޓާގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް މި ޕްލޭންގެ ދަށުން މިހާރު ވަނީ ލުއިދީފަ އެވެ. މިގޮތުން ޖަކާޓާއާއި އެނޫން ވެސް ގިނަ ސަރަހައްދުތަކުގައި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ އާންމުންނަށް ދީފައިވާއިރު ރޭލް ދަތުރުތައް ވެސް ވަނީ ފަށާފަ އެވެ. ރީޓެއިލް ވިޔަފާރި ކުރާތަންތަން ވެސް ވަނީ ހުޅުވަން ފަށައިފަ އެވެ. ނަމަވެސް ސްކޫލްތައް އަދި ވަނީ ބަންދުކޮށްފަ އެވެ.

ވިޔަފާރީގެ ބޮޑެތި މަރުކަޒުތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވަން ރާވާފައި ވަނީ ދެވަނަ މަރުހަލާގަ އެވެ. ލުއިދިންނަމަވެސް ބޭރަށް ނުކުންނައިރުގައާއި މަސައްކަތުގެ މާހައުލުގައި ގައިދުރުކަން ބަހައްޓައި މާސްކް އެޅުންވަނީ މަޖްބޫރުކޮށްފަ އެވެ.

އިންޑޮނީޝިއާއިން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް އަލުން ފަށަން ރާވާފައި ވަނީ އަންނަ ޖުލައި މަހުގެ ކުރީކޮޅުގައެވެ. (ނޫސްއެޖެންސީތައް)