09 Jun 2020, 20:05
މެލޭޝިއާގައި ތިބި ދިިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ދެ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ މިމަހުގެ 15 އަދި 17 ވަނަ ދުވަހު މެލޭޝިއާ އަށް ހާއްސަ ދަތުރުތަކެއް ކުރާނެ ކަމަށެވެ.
މި ދަތުރުތަކާ ގުޅޭގޮތުން ރޭ އެންއީއޯސީ އިން ބުނީ މެލޭޝިއާ އިން އަންނަ ދިވެހިންނަށް ގޭގައި ކަރަންޓީނު ވުމުގެ އުސޫލުގެ ދަށުން ކަރަންޓީނު ވެވޭނެ ކަމަށެވެ.
އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން މެލޭޝިއާގައި ދިރިއުޅޭއިރު މީގެ ކުރިން އެ ގައުމުގައި ތިބި ދިވެހިން ގެނައުމަށް ވަނީ އެއް ފްލައިޓު ބާއްވައިފައެވެ.
މޯލްޑިވިއަން އިން ބުނީ މި ފްލައިޓުތަކުގައި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން ދަތުރުގެ ކުރިން އަމިއްލަ އަށް ހޯމް ކަރަންޓީނު ނުވަތަ އައިސޮލޭޝަންގެ ކަންތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް އެ ތަނުން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރެ އެވެ.
މޯލްޑިވިއަން އިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ލަންކާ އަށްވެސް ހާއްސަ ދަތުރެއް ކުރަން ނިންމައިފައެވެ.
މެލޭޝިއާ އާއި ލަންކާ އިން ދިވެހިން ގެނައުމަށް ފްލައިޓުތަކެއް ބާއްވާއިރު، ލަންކާ އާއި މެލޭޝިއާގައި ވަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް، އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްފައެވެ.